އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ކޮލަމްބިއާ މުބާރާތުގެ ފުރަތަމަ މެޗަށް ނުކުންނައިރު، އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ހަމޭސް ރޮޑްރިގޭޒް ފިޓްނަސްއާމެދު ވަނީ ސުވާލު އުފެދިފަ އެެވެ. ހަމޭސް މިރޭގެ މެޗުގެ ފުރަތަަމަ 11ގައި ހިމެނުމަށް ކޮލަމްބިއާ އިން ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތަށް ބަލައިފަ އެެެވެ.

ޖަޕާނަށް ބަލާއިރު، އެ ޓީމުގެ މުހިންމު ފޯވަޑް ސިންޖީ އޮކަޒާކީ އަށް ލިބުނު އަނިޔާއަކާ ގުޅިގެން، މިރޭގެ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު ކުޑަ އެވެ. އެހެންކަމުން އޭނާގެ ބަދަލުގައި މިރޭ ޖަޕާންގެ ފޯވަޑްލައިން އިން ފެންނާނެ ކަމަށް ބެލެވެނީ ޔޮޝިނޯރީ މޫޓޯ ނުވަތަ ޔޫޔާ އޮސާކޯ އެެވެ.

ޖަޕާންއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ކޮލަމްބިއާ ބައްޔެއްނުވެ އެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2014 ވަނަ އަހަރު ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގަ އެެވެ. އެ މެޗު 4-1 އިން ކާމިޔާބުކުރީ ކޮލަމްބިއާ އެވެ.

ކޮލަމްބިއާ:

ކޮލަމްބިއާ މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު 18 މެޗުގެ ތެރެއިން، ލަނޑެއް ނުޖެހި އެންމެ މެޗެއް ވެސް ނުނިމޭ.

މި މުބާރާތުގެ ކުރިން ކޮލަމްބިއާ ކުޅުނު ނުވަ މެޗުގެ ތެރެއިން، މޮޅުވީ އެންމެ ދެ މެޗުން.

2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު ފަސް މެޗުން ކޮލަމްބިއާ ވަނީ 12 ލަނޑު ޖަހައިފަ. އެއީ މެޗަކަށް އެވެރޭޖްކޮށް 2.4 ގޯލު.

ޖަޕާން:

ޔޫރަޕްގައި ކުޅުނު ވޯލްޑް ކަޕްގެ ހަ މެޗުގައި ވެސް ޖަޕާނަށް މޮޅެއް ލިބިފައެއްނުވޭ.

ވޯލްޑް ކަޕްގައި ދެކުނު އެެމެރިކާގެ ޓީމެއް އަތުން ޖަޕާން އަދި މޮޅެއް ނުވޭ.

ޖަޕާން އެންމެ ފަހުން ކުޅުނު ފަސް ވޯލްޑް ކަޕްގައި، އޯޕެނިން މެޗުން މޮޅުވެފައިވަނީ އެންމެ ފަހަރަކު.

އެނގޭތަ؟

ޖަޕާން އިން އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕްގައި ޖެހި ހަ ލަނޑު ތެރެއިން، ފަސް ލަނޑުގައި ކެއިސޫކޭ ހޮންޑާގެ ދައުރެއްވެ އެވެ. ހޮންޑާ ތިން ލަނޑު ޖެހިއިރު، ދެ ލަނޑު ޖެހުމަށް އެސިސްޓްކޮށްދިނެެވެ. އެކަަމަކު އެންމެ ފަހުން ޤައުމީ ޓީމަށް ކުޅުނު 14 މެޗުގައި ހޮންޑާ އަށް ލަނޑެއް ނުޖެހެ އެވެ.