ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ސްޕެއިން ގައުމީ ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ކުޅުންތެރިޔާ ސާޖިއޯ ބުސްކެޓްސް ކޮވިޑަށް ފައްސިވެ މުޅި ޓީމު ކަރަންޓީނަށް ދާން ޖެހިއްޖެ އެވެ.

މުޅި ޓީމު ކަރަންޓީނަށް ދާން ޖެހުނުއިރު މިއީ މުޅި ޓީމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އަންނަ ހަފުތާގެ އަންގާރަ ދުވަހަކީ ޔޫރޯގައި ސްޕެއިންގެ ފުރަތަމަ މެޗު ކުޅެން އޮތް ދުވަހެވެ.

ޔޫރޯ އަށް ތައްޔާރުވާން މާދަމާ ލިތުއޭނިއާ އާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއްވެސް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. މުޅި ޓީމު ކަރަންޓީނަށް ދާާން ޖެހުމާއި ގުޅިގެން މާދަމާގެ މެޗުގައި ކުޅޭނީ ސްޕެއިންގެ 21 އަހަރުންދަށުގެ ޓީމެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބުސްކެޓްސް ފައްސިވި ނަމަވެސް ސްޕެއިންގެ ގައުމީ ޓީމުގެ އެހެން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ސުންކު (ސާމްޕަލް) ތައް ވަނީ ނައްސިވެފައެވެ. ނަމަވެސް ބުސްކެޓްސް ވަނީ އެންމެފަހުން ޕޯޗުގަލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފައެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައި އިތުރު ކުޅުންތެރިންތަކެއް ފައްސިވެދާނެ ކަމަށް ބެލެވޭތީ އިތުރު ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައެވެ.

މިއީ ޔޫރޯ ފެށުމުގެ ކުރިން ހުރިހާ ޓީމެއްވެސް ހަދަން ޖެހޭ ޕީސީއާރު ޓެސްޓެކެވެ. މިއާއެކު ޔޫރޯގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 14 ގައި ސްވިޑަން އާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ އެވެ. އެހެން ނަމަވެސް ޕޮލޭންޑް އާއި ދެކޮޅަށް މިމަހުގެ 19 ގައި ކުޅޭ މެޗުގައި އޭނާއަށް ކުޅުމުގެ ފުރުސަތު އެބައޮތެވެ.

ޔޫރޯގައި ސްޕެއިން ހިމެނިފައިވަނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ސްވިޑެންއާ، ޕޮލެންޑުގެ އިތުރުން ސްލޮވާކިއާ އެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ގައެވެ.