ފީފާ ވޯލްޑްކަޕް އަދި އޭޝިއަަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައިި ބަންގްލަދޭޝް އާއި ދެކޮޅަށް އިންޑިއާ ކުޅުނު މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު މިވަގުތު ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން ލަނޑު ލިސްޓުގެ ދެވަނައަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ ޖެހިލައިފިއެވެ.

ގަތަރުގައި ކުރިޔަށްދާ ކޮލިފިކޭޝަންގެ ގްރޫޕް އީގައި ހިމެނޭ އިންޑިއާއިން ވަނީ އިއްޔެ ބަންގްލަދޭޝް 2-0 އިން ބަލިކޮށްފަައެވެ. މި މެޗުގައި އިންޑިއާގެ ދެ ލަނޑުވެސް ކާމިޔާބުކުރީ ޗެތްރީ އެވެ. މި ދެ ލަނޑުވެސް އޭނާ ކާމިޔާބުުކުރީ ދެވަނަ ހާފުގައެވެ.

މިއާއެކު ގައުމީ ޓީމަށް ޗެތްރީ 73 ލަނޑާއެކު ކުރީގައި އޮތް ޔޫއޭއީގެ މަބްކޫތް ފަހަތަށް ޖައްސާލާ 74 ލަނޑާއެކު ދެވަނަ މަގާމު ހޯދާފައެވެ. އެއްވަނައިގައި ރޮނާލްޑޯ އޮތީ 103 ލަނޑާއެކު އެވެ.

މި ލިސްޓުގައި ހިމެނޭ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން މެސީ އޮތީ 72 ލަނޑާއެކު އެވެ. ކުރިއަށް އޮތް ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތާއެކު މިއީ މެސީއަށް އަނެއްކާވެސް ލިސްޓުން ކުރިއަރަން ލިބޭ ބޮޑު ފުރުސަތެކެވެ. ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) އޮތީ 53 ލަނޑާއެކު އެވެ.

އުމުރުން 36 އަހަރުގެ ޗެތްރީއަކީ އިންޑިއާގެ ފުޓުބޯޅަ ތާރީހުގައި ބައިޗަންގް ބުޓިއާ އާއި ޖެހިގެން އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. މީގެކުރިން އިންޑިއާގެ މީޑިއާތަކުގައި ވާހަކަދައްކަމުން ޗެތްރީ ބުނީ އަދިވެސް އިތުރަށް ކުޅެން ބޭނުންވާ ކަމަށާއި ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    ކަލޯ ލަނޑު ލިސްޓްގެ ކުރީގައި އުޅެނީ އިރާންގެ އަލީ ދާއީ ރޮނާލްޑޯ ދެވަނާގައި. ތިންވަނާގައި ޗެޓްރީ.

    • ދޮންކަލޯ

      މިހާރު ކުޅެމުން ދާ ކުޅުންތެރިންގެ ލިސްޓް އެންމެ ކުރިއޭ ލިޔެފައި އެބައޮތް... އަލީ ދާއީ މިހާރުވެސް އެބަ ކުޅޭތަ؟