ބާސެލޯނާގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ދަށުން އެ ކުލަބުން ވިއްކާލާ ކުޅުންތެރިންގެ ތެރޭގައި ފިލިޕް ކުޓީނިއޯ އާއި ސެމުއެލް އުމްޓިޓީ ހިމެނޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މަޝްހޫރު "ގޯލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކުލަބުގެ ހަރަދުތައް ބޮޑުތަނުން ކުޑަކުރުމުގެ ގޮތުން ވިއްކާލަން ތައްޔާރުވާ ކުޅުންތެރިންގެ ތެރޭގައި އެ ކުލަބުގެ ފުރަތަމަ ޓީމުގައި ހިމެނޭ މުހިއްމު ކުޅުންތެރިން ހިމެނެއެވެ.

ވިއްކާލާނެ ކަމަށް މިހާތަނަށް މައުލޫމާތު ލިބުނު ކުޅުންތެރިންގެ ތެރޭގައި ކުޓީނިއޯ އާއި އުމްޓިޓީގެ އިތުރުން މިރަލެމް ޕިޔަނިޗް، ޖޫނިއާ ފިރްޕޯ، މާޓިން ބްރައިތްވެއިޓް، މެތިއަސް ފެނާންޑޭޒް ވެސް ކުލަބުން ދޫކޮށްލުން ނުވަތަ މުސާރަ ކުޑަކުރަން ހުށައަޅާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާއިން މަސައްކަތްކުރަނީ އެ ކުލަބުގެ ދަރަންޏަށް އަރާފައިވާ މިންވަރު ކަމަށްވާ 1.2 ބިލިއަން ޑޮލަރު ދައްކާށެވެ. އެ ކުލަބަށް މިހާބޮޑު ދަރަންޏެއް އެރީ ކޮވިޑުގެ ހާލަތާއި ގުޅިގެން ސްޓޭޑިއަމަށް ސަޕޯޓަރުން ވަނުމުގެ ހުއްދަ ނެތުމާއެކު އެކަމާއި ގުޅިގެން ދިމާވި މާލީ ސަބަބުތަކަށްޓަކަށެވެ.

ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބާސާއިން އެންމެ ބޮޑު އިސްކަމެއް ދިނީ އެ ކުލަބުގެ ބައެއް ކުޅުންތެރިން ވިއްކާލާ، ދެން ތިބި އެހެން ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ކަމަށެވެ.

އުމްޓިޓީ މިވަގުތު ހުރީ އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައެވެ. އަވަސް މުސްތަގްބަލެއްގައި އޭނާ ކުޅުމުގެ ތެރެއަށް އަންނާނެ ކަމަކަށް ނުބެލެވެއެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް ދެ ކުޅުންތެރިއަކު ވަނީ ކުލަބާއި ގުޅިފައެވެ. އެއީ ސިޓީގެ ދެ ކުޅުންތެރިން ކަމަށްވާ ސާޖިއޯ އަގުއެރޯ އާއި އެރިކް ގާސިއާ އެވެ. ކުރިން ވައިނަލްޑަމް ގެންނާނެ ކަމަށް ބެލެވުނު ނަމަވެސް ޕީއެސްޖީން ވަނީ އޭނާއަށް ރަނގަޅު މިންވަރެއްް ހުށައަޅާފައެވެ. އެހެނެްކަމުން އޭނާ ފެނުމުގެ ފުރުސަތު ކުޑަކަމަށް ރިޕޯޓުތައް ބުނެއެވެ.