ދެކުނު އެމެރިކާގެ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ނޭމާގެ މޮޅު ކުޅުމާއެކު ބްރެޒިލް މޮޅުވިއިރު ކޮލަމްބިއާ އިން އާޖެންޓީނާ މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

ޕެރަގުއޭ އަތުން ބްރެޒިލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަަދި ކޮލަމްބިއާ އާއި އާޖެންޓީނާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މި ނަތީޖާއާއެކު ދެކުނު އެމެރިކާގެ ގްރޫޕުގެ އެއްވަނައިގައި ބްރެޒިލް އޮތީ މިހާތަނަށް ކުޅުނު 6 މެޗުން ލިބުނު 18 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އާޖެންޓީނާ އޮތީ ކުޅުނު 6 މެޗުން ލިބުނު ޖުމްލަ 12 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އިކުއެޑޯ އޮތީ ކުޅުނު 6 މެޗުން ލިބުނު 9 ޕޮއިންޓާއެކު އެވެ.

އާޖެންޓީނާ އެއްވަރުވި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ދެ ގޯލުގެ ލީޑެއް ނަގާފައިވެއެވެ. އާޖެންޓީނާގެ ފުރަތަމަ ލަނޑު މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ކާމިޔާބުކުރީ ކްރިސްޓިއަން ރޮމޭރޯ އެވެ. ދެވަނަ ލަނޑު 8 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޑެނިއަލް ޕަރެޑެސް އެވެ.

ކޮލަމްބިއާ އިން އެއްވަރުކުރި ލަނޑުތައް ޖެހީ ދެވަނަ ހާފުގަައެވެ. އެގޮތުން 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލުއިސް މުރިއެލް ކޮލަމްބިއާގެ ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މިގުއެލް ބޯޖާ އެވެ.

ބްރެޒިލް މޮޅުވި މެޗުގެ ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ނޭމާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ނޭމާގެ އެހީއާއެކު ބްރެޒިލްގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ލޫކަސް ޕަކޭޓާ އެވެ.

ކޮލިފައިންގައި ބްރެޒިލް ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. ސެޕްޓެމްބަރ 3 ވަނަ ދުވަހު ބައްދަލުކުރާނީ ޗިލީ އާއެވެ. ހަމަ އެ ދުވަހު އާޖެންޓީނާ ބައްދަލުކުރާނީ ވެނެޒުއޭލާ އާއެވެ.