ޔޫރޯއަށް ތައްޔާރުވުމުގެ ގޮތުން ބަލްގޭރިއާ އާއި ދެކޮޅަށް ފްރާންސް ކުޅުނު އެކުވެރިކަމުގެ މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވި ކަރިމް ބެންޒެމާއަށް ލިބުނު އަނިޔާ ސީރިއަސް ނޫންކަމަށް އޭނާ ބެލި ޑޮކްޓަރުން ބުނެފިއެވެ.

މި މެޗުގައި ލިބުނު އަނިޔާއާއެކު މިފަހަރުގެ ޔޫރޯއިން ބެންޒެމާ ނުފެނިދާނެ ކަމުގެ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން ދައްކާގޮތުގައި ބެންޒެމާ އަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫން ނަމަވެސް ޔޫރޯގެ ކުރީކޮޅު ފްރާންސް ކުޅޭ ބައެއް މެޗުތަކުން އޭނާ ނުފެންނާނެ ކަމަށެވެ.

"އަހަރެމެން ބޭނުމެއް ނޫން މި ދަނޑިވަޅުގައި އެއްވެސް ރިސްކެއް ނަގަން، ބެންޒެމާ އެއީ މި ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް، އޭނާ ނެތްތަން ދައްކާނެ، އުއްމީދަކީ ޔޫރޯގެ ކުރީކޮޅު ނުފެނުނަސް ވަކި ހިސާބަކުން އަހަރެމެންނާ އެކުވުން" ބެންޒެމާގެ އަނިޔާއާއި ގުޅިގެން ފްރާންސްގެ ކޯޝު ޑިޑީއޭ ޑިޝޯމްޕްސް ބުންޏެވެ.

ބެންޒެމާއަށް ލިބުނު އަނިޔާއާއި ގުޅިގެން އަދިވެސް އިތުރު ޓެސްޓުތަކެއް ހަދަމުން އަންނައިރު، މިހާތަނަށް ހެދި ހުރިހާ ޓެސްޓުތަކުން ވެސް އެހާބޮޑު އަނިޔާއެއްގެ ގޮތުގައި ނުފެނެއެވެ.

ބަލްގޭރިޔާ އާއި ވާދަކުރި މި މެޗު ފުރާންސް ކާމިޔާާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފްރާންސް ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ބެންޒެމާގެ ބަދަލުގައި ކުޅެން އެރި ޖިރޫޑް އެެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކުރީ ގްރިޒްމަން އެވެ.

ޔޫރޯގައި ފުރާންސް ހިމެނެނީ ވަރުގަދަ ގްރޫޕެއްގައެވެ. ގްރޫޕް އެފް ގައި ފްރާންސް އާއެކު ހިމެނޭ ޓީމުތަކަކީ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ޖަރުމަނުގެ އިތުރުން ހަންގޭރީ އެެވެ.

އަންނަ އަންގާރަ ދުވަހު ޔޫރޯގައި ފުރާންސް ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖަރުމަނާއެވެ.