ކްރިސްޓިއާނޯ ރޮނާލްޑޯގެ އުމުރުން ކިތަންމެ ދުވަސްވިޔަސް އެއީ އަދިވެސްް އެހެން ޓީމުތަކަށް ހިފަހައްޓާލެވޭ ފެންވަރުގެ ކުޅުންތެރިއެއް ނޫންކަމަށް ޕޯޗުގަލްގެ ކުޅުންތެރިޔާ ހޯޒޭ ފޮންޓޭ ބުނެފިއެވެ.

ރޮނާލްޑޯއާއި ދާދި އެއް އުމުރެއްގައި ގައުމީ ޓީމުގައި ކުޅެމުން އަންނަ ފޮންޓޭ ބުނީ މިފަހަރުގެ ޔޫރޯގައި ވެސް އިދިކޮޅު ޓީމުތަކުން އެންމެ ޖެހިލުންވާނެ އެއް ކުޅުންތެރިއަކަށް ރޮނާލްޑޯ ވާނެ ކަމަށެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ މިދިޔަ ސީޒަނުގައި ޔުވެންޓަސްގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އޭނާއަކީ ގައުމީ ޓީމުގައި އަބަދުވެސް ތަފާތު ދައްކާ ކުޅުންތެރިއެއްގެ ގޮތުގައި ފޮންޓޭ ފާހަގަކުރެއެވެ.

ނިމުނު ސީޒަނުގައި ޔުވެންޓަސް ނިންމާލީ ވަރަށް ދަށްކޮށެވެ. އެއާއެކު އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެއް ކުޅުންތެރިއަކީ ރޮނާލްޑޯ އެވެ. އިޓާލިއަން ލީގު ނުލިބުމާއެކު ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޔުވެންޓަސް ކެޓުމާއެކު ގިނަބަޔަކު ބުނަމުން ދިޔައީ ރޮނާލްޑޯގެ ރަން ދުވަސްތައް މާޒީވެ ހިނގައްޖެ ކަމަށެވެ. އެ ވާހަކަތަކަށް ރައްދުދެމުން ފޮންޓޭ ބުނީ ރޮނާލްޑޯގެ ފެންވަރު އަދިވެސް ދަށް ނުވާ ކަމަށާއި އިދިކޮޅު ޓީމުތަކުން އަދިވެސް ބިރުގަންނަން ޖެހޭނެ ކަމަށެވެ.

"އެއީ އަހަރެމެންގެ ލީޑަރު، އަހަރެމެންގެ ކެޕްޓަން، އަބަދުވެސް ވާ ގޮތަށް މިފަހަރުވެސް އޭނަ (ރޮނާލްޑޯ) ތައްޔާރުވަނީ އޭނައަށް ވި އެންމެ ފުރިހަމައަށް ކުޅެން، ފާޑުކިޔާ މީހުން އޭނަގެ ނަންބަރުތަކަށް ބަލާ، އާދައިގެ ކުޅުންތެރިއަކަށް ވާނެ ކަންކަމެއް ނޫން އެއީ" ކުރިން ވެސްޓް ހޭމް، ސައުތެމްޓަން އަށް ކުޅުމަށްފަހު މިހާާރު ލިލް އަށް ކުޅެމުން އަންނަ އުމުރުންް 37 އަހަރުގެ ޑިފެންޑަރ ބުންޏެވެ.

ޕޯޗުގަލް އަކީ ޔޫރޯގެ އެންމެފަހުގެ ޗެމްޕިއަނެވެ. އެންމެފަހުން 2016 ގައި މި މުބާރާތް ބޭއްވިިއިރު އެފަހަރުގެ މުބާރާތުގައި ވެސް ރޮނާލްޑޯގެ ލީޑަޝިޕް ވަރަށް ރަނގަޅަށް ފެނިގެންދިޔަ އެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް 174 މެޗު ކުޅެދީ 103 ލަނޑު ޖަހައިދީފައެވެ.

މިފަހަރުގެ ޔޫރޯގައި ޕޯޗުގަލް ހިމެނެނީ އުނދަގޫ ގްރޫޕެއް ކަމަށްވާ ގްރޫޕް އެފް ގައެވެ. އެ ގްރޫޕުގައި ޕޯޗުގަލް އާއެކު ހިމެނޭ ޓީމުތަކަކީ ފްރާންސް، ޖަރުމަނު، އަދި ހަންގޭރީ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 99.9

    ކޮލިފައިނުވާއިޒްރާއީލްކޮޅަށް4ޖެހިއިރުހުސްއެތައްފުރުސަތެއްލިބިއެއްގޯލްޖެހުނީ

    6
    5
  2. ބަލަ ކޮން ކޮލި ފައިން ނެއްގެ ވާހަކަ އެއް ތި ދައްކަނީ. އިސްރާއިލް އަކީ ޔޫރަޕުގެ ގައުމެއް ނޫނޭ.

    ބޮލު ރޮދި