ޔޫރޯ ފުޓުބޯޅަ މުބާރާތަކީ ކޮންމެ ފަހަރަކުވެސް އެތަކެއް ކުޅުންތެރިންތަކެއް ގެ މޮޅު ކުޅުން ފާހަގަވާ މުބާރާތެކެވެ. އެކަން 2016 ގެ މުބާރާތުން ވެސް ފާހަގަވިއެވެ. މިއީ ދުނިޔޭގެ ބޮޑެތި ކުލަބްތަކުން ކުޅުންތެރިން ހޯދުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭ "ސްކައުޓުން" އެންމެ ބިޒީވާނެ ދުވަސްވަރެވެ. މިއީ އެތަކެއް ޒުވާން ކުޅުންތެރިންގެ ހުނަރު ވަޒަންކުރަން ލިބޭ އެންމެ ރަނގަޅު އެއް ފުރުސަތެވެ.

މި ރިޕޯޓުގައި މި ބަލާލަލީ މިފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވިދާލާނެ ކަމަށް ބެލެވޭ ބައެއް ކުޅުންތެރިންނަށެވެ. މީގެތެރޭގައި އަލަށް އަރަމުން އަންނަ ބައެއް ކުޅުންތެރިންނާއި ތަޖުރިބާކާރު ބައެއް ކުޅުންތެރިން ހިމެނޭނެ އެވެ. މި ލިސްޓު އެކުލަވާލާފައިވަނީ އެ ކުޅުންތެރިންގެ ފޯމު ހުރި ގޮތާއި ބައެއް ތަފާސްހިސާބު ތަކަށް ބެލުމަަށްފަހު އެވެ.

  1. ޖޯޖީނިއޯ ވައިނަލްޑަމް (ނެދަލޭންޑްސް)

އުމުރުން 30 އަހަރުގެ ވައިނަލްޑަމް އަކީ ތަޖުރިބާކާރު މޮޅު ކުޅުންތެރިއެކެވެ. ލިވަޕޫލްގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު އޭނާގެ މޮޅު ކުޅުން ދުނިޔޭގެ ބޮޑެތި ހުރިހާ ކުލަބުތަކެއްގެ ލޮލުގައި އަޅައިގަތެވެ. ލިވަޕޫލުގައި ދެއްކި މޮޅު ކުޅުމުން އޭނާ ވަނީ އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމުގައި އެހީވެފައެވެ.

މީގެއިތުރުން ނެދަލޭންޑްސް ގައުމީ ކޯޗު ފްރޭންޑް ޑި ބޮޔާ އެންމެ އިތުބާރުކުރާ ކުޅުންތެރިންގެ ލިސްޓުގައި ވައިނަލްޑަމް ހިމެނުމަކީ ވެސް މިފަހަރުގެ ޔޫރޯގައި ނެދަލޭންޑްސް ޓީމަށް އޭނާގެ މުހިއްމުކަން އެނގިގެންދާ ކަމެކެވެ. އެކަން ކޯޗު ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފާހަގަވެގެންދެއެވެ. ޔޫރޯއަށް ފަހު ވައިނަލްޑަމް ގެ މަންޒިލަކީ ފްރާންސްގެ ޕީއެސްޖީއެވެ. ބާސެލޯނާއިން ވިއްދާފައިވަނިކޮށް ޕީއެސްޖީއަށް އޭނާ ބަދަލުވިއިރު އެ ޓީމާއި ރަސްމީކޮށް ގުޅޭނީ ޔޫރޯއަށް ފަހު އެވެ.

ވައިނަލްޑަމް ބޮޑަށް ފާހަގަވަނީ ޓީމުގެ މެދުތެރެ ހަމަޔަކައަށް އަޅުވާ މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. ޕްރެޝަރުގައި ކުޅެންޖެހޭ ދަނޑިވަޅުތަކުގައި ވައިނަލްޑަމް ގެ ލީޑަޝިޕް ވަރަށް ބޮޑަށް ފެނިގެންދެއެވެ. އޭނާގެ ފޯމަށް ބަލާއިރު މިފަހަރުގެ ޔޫރޯގައި ތަފާތު ކުޅުމެއް ދައްކާނެ ކަމަށް ގަބޫލުކުރެެވެއެވެ.

2. ކީލިއަން އެމްބާޕޭ (ފްރާންސް)

އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު އުއްމީދެއް ކުރާނެ އެއް ކުޅުންތެރިއަކީ އުމުރުން 22 އަހަރުގެ ފޯވާޑް ކީލިއަމް އެމްބާޕޭ އެވެ. އޭނާގެ ހަލުވި ދުވުމާއި ކުޅުންތެރިން ކައިރިން ދެމިގަންނަ ގޮތުން އެއީ ރޮނާލްޑޯ އާއި މެސީ އަށްފަހު ދެން ފެންނާނެ އެންމެ އުއްމީދީ ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގަބޫލުކުރެވެއެވެ.

ވޯލްޑްކަޕާއި އެކު ލިބުނު އެ ތަޖުރިބާއާއެކު އެމްބާޕޭ އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފޯވާޑް ލައިނުގައި ތަޖުރިބާކާރު ކުޅުންތެރިންތަކެއް އޭނާއާއެކު ތިބުމެވެ. ބެންޒެމާ އަނިޔާވުމާއި ގުޅިގެން ޔޫރޯގެ ކުރީކޮޅު ނުފެނުނު ނަމަވެސް ޕޮގްބާއާއި އެމްބާޕޭ ގެ ގުޅުން ރަނގަޅުކޮށްފި ނަމަ އިދިކޮޅު ޓީމުތަކަށް އުނދަގޫތައް ކުރިމަތިވާނެ އެވެ.

3. ފިލް ފޯޑެން (އިންގްލޭންޑް)

އިންގްލޭންޑްގައި އެންމެ އަރަމުން އަންނަ އެއް ކުޅުންތެރިއަކީ އުމުރުން 21 އަހަރުގެ ފިލް ފޯޑެން އެވެ. މިއީ އެ ގައުމުގެ ސީނިއާ ޓީމުގައި އޭނާ ކުރިމަތިލާ އެންމެ ބޮޑު މުބާރާތެވެ. މީގެކުރިން ޔޫތު ޓީމުތަކުގައި ކުޅެ އެ ގައުމަށް ރީތި ނަން ހޯދައިދިން ނަމަވެސް މިފަހަރު ޔޫރޯ އަކީ ފޯޑެން އަށް ބޮޑު ޗެލެންޖެކެވެ.

ނިމުނު ސީޒަނުގައި މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އެންމެ އިތުބާރުކުރާ ކުޅުންތެރިންގެ ތެރޭގައި ފޯޑެން ހިމެނެއެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލާއި ހިސާބަށް ވާސިލުވުމައި ޕްރިމިއަރ ލީގު ސިޓީއަށް ހޯދައިދިނުމުގައި ފޯޑެން ގެ ދައުރު ވަރަށްވެސް ބޮޑެވެ. އެއާއެކު ގިނަބަޔަކު ފާޑުކީ އުމުރުން ކުޑަ ކުޅުންތެރިއެއް ލައްވާ އެހާ ގިނަ މެޗުތަކެއް ކުޅުވުމުންނެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ރައްދުކީ ސިޓީއަށް ލިބުނު ކާމިޔާބީތަކާއެކު އެވެ.

ރަނގަޅު ފޯމެއްގައި ހުރި މި ކުޅުންތެރިޔާ އަކީ މިފަހަރުގެ ޔޫރޯގައި ވިދާލާނެ ކުޅުންތެރިއެއް ކަމަށް ގަބޫލުކުރެވެއެވެ. ޓީމުގެ މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅޭ މި ކުޅުންތެރިޔާ އެންމެ ބޮޑަށް ފާހަގަވަނީ އުފައްދަން މަސައްްކަތްކުރާ ނުރައްކާތެރި ހަމަލާތަކެވެ. އެޓޭކުތަކުގައި ވެސް ބައިވެރިވާ މި ކުޅުންތެރިޔާ ހިފެހެއްޓުމަކީ އިދިކޮޅު ޓީމުތަކަށް އުނދަގޫ ކަމަކަށް ވާނެއެވެ.

4. މެނުއެލް ލޮކަޓެލީ (އިޓަލީ)

އުމުރުން 23 އަހަރުގެ މެނުއެލް ލޮކަޓެލީ އަކީ މިފަހަރުގެ ޔޫރޯގައި އިޓަލީން އެންމެ ވިދާލާނެ ކަމަށް ބެލެވޭ އެއް ކުޅުންތެރިޔާއެވެ. އިޓަލީގެ ސައުއޮލޯ އަށް ކުޅެމުން އަންނަ މި ކުޅުންތެރިޔާ ހޯދުމަށް އިނގިރޭސި ކުލަބް މެންޗެސްޓަރ ސިޓީއާއި އިޓަލީގެ ޔުވެންޓަސް އިން ފާރަލަމުން އަންނަ މި ދަނޑިވަޅުގައި ޔޫރޯ ބާއްވާއިރު، މިއީ އޭނާގެ ހުނަރުތައް ދައްކާލުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

މެދުތެރޭގައި އިސް ދައުރެއް އަދާކުރާ މި ކުޅުންތެރިޔާ ވަނީ އިޓަލީގެ ޒުވާން ޓީމުތަކުގައި ވެސް ކުޅެ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައެވެ. މިއީ އިޓަލީ ޓީމުގައި ތިބި ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިޔާ އެވެ. އަންދްރޭ ޕިރްލޯ އަށް ފަހު މިއީ އޭނާގެ ބަދަލުގައި އިޓަލީ ޓީމު ހަމަޔަކަށް އަޅުވައިދޭނެ އެއް ކުޅުންތެރިޔާ ކަމަށް އިޓަލީގެ ތަޖުރިބާކާރުން ބުނެއެވެ.

5. ބްރޫނޯ ފެނާންޑޭޒް (ޕޯޗުގަލް)

މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަން ބޭންޑު އަޅައިގެން މުޅި ޓީމު ހިފެހެއްޓި އެއް ކުޅުންތެރިއަކަށް ބްރޫނޯ ފެނާންޑޭޒް ވާނެއެވެ. ނިމުނު ސީޒަނުގެ ޔުރޮޕާ ލީގުގެ ތަށި ގެއްލުނު ނަމަވެސް އޭނާގެ ލީޑަޝިޕް ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ އެވެ. ކޮންމެފަދަ ވަގުތެއްގައި ވެސް ނަތީޖާ ނެރެދޭ މި ކުޅުންތެރިޔާ ވަނީ މުބާރާތުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ވެސް އޭނާގެ ތަފާތު ދައްކާފައެވެ.

ޖެނުއަރީ 2020 ގައި ޔުނައިޓެޑާއި ގުޅުމަށްފަހު އޭނަ ވަނީ މިހާތަނަށް އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު ބްރޫނޯ ގެ ނުރައްކާތެރިކަން އޭނަ ދަނީ ކޮންމެ މެޗެއްގައި ވެސް ދައްކަމުންނެވެ. އެހެންކަމުން މިއީ އިިދިކޮޅު ޓީމުތަކުން އެންމެ ސަމާލުކަން ދޭންޖެހޭ އެއް ކުޅުންތެރިއެވެ.

ޕޯޗުގަލްގައި ތިބި ހުނަރުވެރި މޮޅެތި ކުޅުންތެރިންތަކުގެ ތެރޭގައި ޑިއޮގޯ ޔޮޓާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޖޯ ފެލިކްސް ފަދަ ކުޅުންތެރިންނާއެކު އެންމެފަހުގެ ޗެމްޕިއަނުން މި މުބާރާތަށް ނުކުންނަނީ ތަށި ދިފާއުކުރުމުގެ ވަރުގަދަ އަޒުމަކާއެކު އެވެ. ޕޯޗުގަލްގެ މި ސްކޮޑާއެކު އެ ޓީމު އަތުން ތަށި ނެގުން ވާނީ އިދިކޮޅު ޓީމުތަކަށް ބޮޑު ޗެލެންޖަކަށެވެ.

6. ރޮބަޓް ލެވަންޑޯސްކީ (ޕޮލޭންޑް)

ކޮވިޑުގެ ހާލަތާއި ގުޅިގެން އެންމެފަހުން ބާއްވަން އުޅުނު ބެލޮންޑޯ ކެންސަލްކުރިއެވެ. އެ ބާއްވައިފިނަމަ އެފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ނަގާނެ ކުޅުންތެރިއަކަށް ރޮބަޓް ލެވަންޑޯސްކީ ވާނެއެވެ.

އުމުރުން 32 އަހަރު ވި ނަމަވެސް ލެވަންޑޯސްކީ އަކީ އަދިވެސް ދަނޑުމަތީގައި ނުރައްކާ ކުޅުންތެރިއެކެވެ. 2019-20 ގެ ސީޒަނުގައި އޭނާ ވަނީ ކުޅުނު 47 މެޗުގައި 55 ލަނޑު ބަޔާން މިއުނިކް އަށް ޖަހައިދީފައެވެ. މިއީ ރޮނާލްޑޯ އާއި މެސީ ފަދަ ކުޅުންތެރިން ނެރޭ އަދަދުތަކެކެވެ. އެހެންކަމުން ލެވަންޑޯސްކީގެ ނުރައްކާ ކަން މިކަމުންވެް ހާމަވެއެވެ.

ލެވަންޑޮސްކީ ވަނީ މި ނިމުނު ސީޒަނުގައި ޖަރުމަނު ލީގުގައި އެއް ސީޒަނެއްގައި ކުޅުނު މެޗުތަކުގެ އަދަދުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހަދާފައެވެ. އެއީ ކުޅުނު 29 މެޗުން ޖެހި 40 ލަނޑުންނެވެ. އުމުރާއެކު ލެވަންޑޮސްކީ އަކީ އަދިވެސް ނުރައްކާތެރި ކުޅުންތެރިއެކެވެ.

8. ލުކާ މޮޑްރިޗް (ކްރޮއޭޝިއާ)

މޮޑްރިޗް އަކީ 2008 ގެ ފަހުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އާއި ޖެހިގެން ބެލޮންޑޯ އެވޯޑު ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާގެ މޮޅު ކުޅުމަކީ ރެއާލް މެޑްރިޑުގެ ކާމިޔާބީތަކުގައި ވެސް ފާހަގަކޮށްލެވޭ ކަންކަމެވެ.

މުޅި ގޭމް ބަދަލުކޮށްލާ އިދިކޮޅު ޓީމުތައް ޕްރެޝަރަށް ވައްޓާލުމަކީ މޮޑްރިޗްް އަށް މާ އުނދަގޫ ކަމެއް ނޫނެވެ. އޭނާގެ ދުރުވިސްނޭ ސިކުނޑީގެ ބޭނުން ހިފާ ކޮންމެ ދަނޑިވަޅެއްގައި އިދިކޮޅު ޓީމުތައް ޕްރެޝަރަށް ވައްޓާލައި އެޓޭކިން ކުޅުންތެރިންނާއި ބައިވެރިވެގެން ލަނޑުވެސް ޖަހާފައި އެބަހުއްޓެވެ. އެހެންކަމުން މިފަހަރުގެ ޔޫރޯގައި މޮޑްރިޗްގެ ކުޅަދާނަކަން ފެނުމަކީ ވަރަށް ގާތް ކަމެކެވެ.

9 .ލޮރެންޒޯ އިންސިންޔޭ

އިޓަލީގެ ނާޕޮލީއަށް ކުޅެމުން އަންނަ މި ކުޅުންތެރިޔާ އަކީ ކޮންމެފަދަ ވަގުތެއްގައި ވެސް އިިދިކޮޅު ޓީމުތަކަށް ނުރައްކާ ކުރެވޭ ފެންވަރުގެ މޮޅު ކުޅުންތެރިއެކެވެ. ގައުމީ ޓީމުން އޭނާއަށް ޖާގަ ލިބުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް މިއީ އެވެ.

އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ އަކީ އިޓަލީ ޓީމުގައި ތިބި ތަޖުރިބާކާރު މަދު ކުޅުންތެރިންތަކުގެ ތެރެއިން އެކަކެވެ.

10. ޖޯ ފެލިކްސް (ޕޯޗުގަލް)

މިއީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޖެހިގެން ޕޯޗުގަލް ގައުމީ ޓީމުގައި އެންމެ ތަފާތު ދައްކާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ކުޅުންތެރިޔާ އެވެ. އެތްލެޓިކޯ މެޑްރިޑުގައި ދައްކަމުންދާ މޮޅު ކުޅުމާއެކު އޭނާ ވެގެންގޮސްފައިވަނީ ހަލުވި ސްޕީޑާއެކު ބޯޅައާއެކު އެޓޭކުގައި ބައިވެރިވާ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އައި ފޯނު 11 އެބަހުރިތަ؟
    ހުރީ ކޮން ކުލަ އެއް؟
    އިންސްޓޯލްމެންޓަށް ދޫ ކުރޭތަ؟
    ދޫ ކުރައްޏާ ކިހިނެއް ހަ ދަނީ؟

    5
    7
  2. އައްޑޫ ޝަކުވާ ބޯޓު

    ޝާޙް އިޒް ދަ ބެސްޓް