1-3 އިން މިސްރު ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ދެވަނަ ބުރާ ގާތަށް ރަޝިޔާ ޖެހިލައިފިއެވެ.

މިރޭގެ މެޗަކީ މި މުބާރާތުގައި މި ދެ ޓީމުން ވެސް ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު ރަޝިޔާ އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕް އޭގެ އެއްވަނައިގައެވެ. ރަޝިޔާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ސައުދީ އަރަބިއްޔާއާ ބައްދަލުކޮށް 0-5 އިންނެވެ. ދެވަނައިގައި ރަޝިޔާ އަށް ވުރެ އެއް މެޗު މަދުން ކުޅެ ތިން ޕޮއިންޓާއެކު އުރުގުއޭ އޮތްއިރު ތިންވަނައިގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވި މިސްރު އޮތީ ޕޮއިންޓެއް ނުލިބިއެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ސައުދީ އަރަބިއްޔާ އަށް ވެސް ޕޮއިންޓެއް ލިބިފައެވެ.

މި ގްރޫޕްގައި މާދަމާ އުރުގުއޭ އާއި ސައުދީ ބައްދަލުކުރާ މެޗުން އުރުގުއޭ މޮޅުވެއްޖެނަމަ، މި ގްރޫޕުން ދެވަނަ ބުރުގެ ޖާގަ އުރުގުއޭ އާއި ރަޝިޔާ އަށް ކަށަވަރުވެގެންދާނެއެވެ.

ތިންވަނަ ގޯލަށްފަހު ރަޝިޔާ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

މުބާރާތުގައި މިސްރުން ކުޅުނު ފުރަތަމަ މެޗުގައި މުޅިން ފިޓުނުވާތީ ނުކުޅެ ހުރެ މުހައްމަދު ސަލާހު މިރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ވަނީ ކުޅެފައެވެ. މުބާރާތުގައި މިސްރު ކުޅުނު ފުރަތަމަ މެޗުން 0-1 އިން އުރުގުއޭ އަތުން ވަނީ ބަލިވެފައެވެ.

މިރޭގެ މި މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ގޯލްޖަހާނެ މަދު ފުރުސަތުތަކެއް ދެ ޓީމުން ވެސް ވަނީ މި ހާފުގައި ތަނަވަސްކޮށްފައިވެއެވެ. އެގޮތުން މިސްރުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ރަޝިޔާގެ އުމުރުން 38 އަހަރުގެ ޑިފެންޑަރު އިގްނަޝެވިޗް ބޮލުން ފޮނުވާލި ހަމަލާ މިސްރުގެ ކީޕަރު ދިފާއުކުރިއިރު މިސްރުގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޗެރިޝޭވް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މި ހާފުގައި ގޯލެއް ކާމިޔާބުކުރުމަށް މިސްރަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ސަލާހުއަށެވެ. ނަމަވެސް ރަޝިޔާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ސަލާހު ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

މިސްރުގެ ޕެނަލްޓީ ސަލާހު ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ރަޝިޔާ އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލަކީ މިސްރުގެ ކެޕްޓަން އަހުމަދު ފަތްހީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ 59 ވަނަ މިނެޓްގައި ޗެރިޝޭވް ރަޝިޔާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓްފަހުން އާތެމް ޒޫބާ ވަނީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި މިސްރުން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ މެޗުގެ 73 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މި ޕެނަލްޓީ މިސްރަށް ލިބުނީ ރަޝިޔާގެ ޕެނަލްޓީއޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު ސަލާހު އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެވެ. މި ޕެނަލްޓީ މިސްރަށް ކާމިޔާބުކޮށްދިނީ ވެސް ސަލާހުއެވެ.

މިރޭގެ މޮޅާއެކު މުބާރާތުގެ ދެވަނަ ބުރާ ގާތަށް ރަޝިޔާ ޖެހިލާފައިވާއިރު މިއީ 1966 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ދެ މެޗުން ރަޝިޔާ މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ރަޝިޔާ އިން ޖުމްލަ 8 ގޯލު ކާމިޔާބުކޮށްފައިވާއިރު މިއީ 1934 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ފުރަތަމަ ދެ މެޗުގައި ޓީމަކުން މި އަދަދަށް ގޯލު ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މީގެކުރިން މުބާރާތުގެ ފުރަތަމަ ދެ މެޗުގައި މި އަދަދަށް ގޯލު ކާމިޔާބުކޮށްފައިވަނީ އިޓަލީންނެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަޝިޔާ ބައްދަލުކުރާނީ އުރުގުއޭއާއެވެ. މިސްރު ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަބޭސް

    މިރޭގެ މެޗުން ރަސިޔާ މޮޅުކޮށްދިނުމުގައި ރެފްރީގެެ ދައުރު ވަރަށްބޮޑު ރެފުރީގެ ފެންވަރު ދަށްކަމަށްވުރެ ބޮޑަށް ގަބޫލު ކުރެވެނީ ލިބެނއޮތް ހަދިޔާގެ ބޮޑުކަން ކަމަށް ގަބޫލުކުރެވެނީ މިސްރަށް ލިބެންއައި 1 ޕެނަލްޓީ ނުދިނުމާއި 56 ވަނަ މިނެޓްގައި ދެއްކި ކާޑުވެސް މިކަމުގެ ހެއްކަކަށް ފުދޭނެ މިއީ ފީފާ އިން ވިސްނަން ޖެހޭ ވަރުގެ ކަންތައް

  2. މަންަން

    ބަލަ ރެފްރީއަށް ވުރެން ﷲގެ ކުޅަދުންވަންތަ ކަންބޮޑެއްނު؟ މިސްރު ދިވެހިންހެން 100 100 ނޫންވީމަ