މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އާ ރައީސަކު ހޮވުމަށް މިއަދު ހަވީރު ބޭއްވި އިންތިހާބު ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ކުރައްވަމުން ގެންދަވާ މުހައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އިންތިހާބުކޮށްފި އެވެ.

ހެންވޭރު ދަނޑުގައި ބޭއްވި އެމްއޯސީގެ އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ޗަމްޕީ އިންތިހާބުވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ރައީސް މޫސާ ނާޝިދު (މޫސަ) އާއި ވާދަކުރައްވައެވެ.

މި އިންތިހާބުގައި ޗަމްޕީ އަށް ލިބިވަޑައިގަތީ 18 ވޯޓެވެ. އަދި މޫސާ ނާޝިދު އަށް ލިބިވަޑައިގަތީ 11 ވޯޓެވެ.

މިއަދު ބޭއްވި އެމްއޯސީ އިންތިހާބުގެ ތެރެއިން

މީގެކުރިން އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އުމަރު މި އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލެއްވި ނަމަވެސް އޭނާ ވަނީ ފަހުން ނަން ނަގާފައެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސުންގެ މަގާމަށް ހޮވާފައިވަނީ ޗަމްޕީގެ ޓީމުގައި ހިމެނުނު އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ތޮލާލާއި، ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު އިސްމާޢީލެވެ. މި ދެ ކެންޑިޑޭޓުން ގެ އިތުރުން ނައިބު ރައީސްކަމަށް ދެން ކުރިމަތިލެއްވީ ނޮން-އޮލިމްޕިކް ސްޕޯޓްސްގެ ސްލޮޓެއްގައި ކުރިމަތިލެއްވި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިސަލް އެވެ.

ޗަމްޕީ އަކީ މިދިޔަ ދައުރުގައިވެސް އެމްއޯސީގެ މެންބަރެކެވެ. އަދި ސްވިމިން އެސޯސިއޭޝަނުގެ ރައީސްގެ މަގާމު ޗަމްޕީ ފުރުއްވަމުން އަންނައިރު، މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި އިންތިޚާބުގައި ޗަމްޕީ ވަނީ އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފައެވެ.

އަލަށް އިންތިހާބުވި މެމްބަރުންގެ ދައުރު ހަމަވާނީ 2025 ގައެވެ.