ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ޔޫކްރެއިންގެ ޖާރޒީގައި ސިޔާސީ ކަންކަން އެކުލެވޭތީ އެ ބަދަލުކުރަން ޔުއެފާއިން އަންގައިފިއެވެ.

ޔޫރަޕުގެ ފުުޓުބޯޅައިގެ މައި އިދާރާ ޔުއެފާއިން ވަނީ މި ޖާރޒީ މީގެކުރިން އެޕްރޫވްކޮށްފައެވެ. ރީންދޫ އަދި ނޫކުލައިގެ މި ޖާރޒީގެ މޭމަތީގައިވާ ޔޫކްރެއިން ފުޓުބޯޅަ މައި އިދާރާގެ ލޯގޯ ކައިރީގައި މަޑު ރީނދޫ ތިކިތަކަކުން ވަނީ ޔޫކްރެއިންގެ މެޕް ރަމްޒުވާގޮތަށް ކުރަހާފައެވެ.

އެންމެ ފުރަތަމަ މި ޖާރޒީގެ މައްސަލަ ހޫނުވީ މި މެޕްގައި ކްރައިމިއާ ހިމަނާފައިވުމުންނެވެ. ކްރައިމިއާ ސަރަހައްދަކީ ޔޫކްރެއިން އަށް ނިސްބަަތްވާ ސަރަހައްދެކެވެ. ގުދުރަތީ މުއްސަނދިކަން ލިބިފައިވާ މި ސަރަހައްދު ހޯދުމަށް 2014 ވަނަ އަހަރު ރަޝިޔާ ސިފައިންނާއި ޔޫކްރެއިން ސިފައިންނާއި ކުރިމަތިލުންތަކެއް ދިޔައެވެ.

ޔުއެފާއިން އަންގާފައިވަނީ މި މެޕުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް އެ ޖާރޒީގައިވާ "ގްލޯރީ ޓު ދަ ހީރޯޒް" ލިޔެފައިވާ ބައި އުނިކުރުމަށެވެ. ގްލޯރީ ޓު ދަ ހީރޯޒް އަކީ ޔޫކްރެއިންގެ ސިފައިންނަށް ނިސްބަތްކޮށް އެ ގައުމުގެ ރައްޔިތުން ބުނެ އުޅޭ އެއްޗެކެވެ.

ރަޝިޔާއިން ވަނީ 2014 ވަނަ އަހަރު ކްރައިމިއާ ސަރަހައްދުގެ ކޮންޓްރޯލް ނަގާ އެ ސަރަހައްދު ފޭރިގެންފައެވެ. އެއީ ރަޝިޔާގެ ބައެއްގެ ގޮތުގައި އެ ގައުމުން ވަނީ އަމިއްލައަށް ކަނޑައަޅާފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމައު އިން އެކަން އަދިވެސް ބަލައެއްނުގަނެ އެވެ. ޔޫކްރެއިން އިން ދެކޭގޮތުގައި ކްރައިމިއާ އެއީ އަދިވެސް އެ ގައުމުގެ ބައެކެވެ.

މިކަން ފެންމަތިވި ނަމަވެސް ޔޫކްރެއިންގެ ފުޓުބޯޅައިގެ މައި އިދާރާގެ ރައީސް އަންދްރޭ ޕަވެލްކޯ މިއީ މާބޮޑު ކަމެއްގެ ގޮތުގައި ނުދެކެއެވެ. އޭނާ ދެކޭގޮތުގައި މިއީ ޔޫކްރެއިން އެއްބައިވެގެންް ގައުމު ތަމްސީލުކުރަން ތައްޔާރުވާ ޓީމެއްް ކަމަށާއި ސިޔާސީ ވިސްނުންތަކަށް ވަގުތު ނެތް ކަމަށެވެ.

ކްރައިމިއާ އެއީ ރަޝިޔާގެ ބައެއް ގޮތުގައި ބަލައިގަންނަނީ ނިސްބަތުން މަދު ގައުމުތަކެކެވެ. އެކުވެރި ދައުލަތް (ޔޫއެން) ގެ އިތުރުން މެޖޯރިޓީ ގިނަ ގައުމުތަކުން ގަަބޫލުކުރަނީ އެއީ ޔޫކްރެއިންގެ ބައެއްގެ ގޮތުގައެވެ.

މިފަހަރުގެ ޔޫރޯގައި ޔޫކްރެއިން ހިމެނެނީ ގްރޫޕް ސީގައެވެ. މި ގްރޫޕުގައި ހިމެނޭ ގައުމުތަކަކީ ނެދަލޭންޑްސް އާއި ޔޫކްރެއިންގެ އިތުރުން އޮސްޓްރިއާ އާއި ނޯތް މެސެޑޯނިއާ އެވެ. މުބާރާތުގައި ޔޫކްރެއިން ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 13 ވަނަ ދުވަހު ބައްދަލުކުރާނީ ނެދަލޭންޑްސް އާއެވެ.