ބަޔާ ލެވަކޫސަން އަށް ކުޅެމުން އައި ޖަރުމަނުގެ ޒުވާން ކީޕަރު ބާނާޑް ލެނޯ އާސެނަލް އަށް ބަދަލުވެއްޖެއެވެ.

އުމުރުން 26 އަހަރުގެ ލެނޯ އާސެނަލް އަށް ބަދަލުވީ 19.3 މިލިއަން ޔޫރޯގެ އަގަކަށެވެ.

އާސެނަލް އަށް ބަދަލުވުމަށްފަހު ލެނޯ ބުނީ އާސެނަލް ފަދަ މޮޅު ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާކުރާ ކަމަށާއި ވީ އެންމެ ރަނގަޅަކަށް އެ ކްލަބުގައި ހުރެގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އާ ސީޒަނާއި ކުރިމަތިލާން ވަރަށް ބޮޑަށް ޝައުގުވެރިވެފައި ހުރި ކަމަށްވެސް ލެނޯ ބުންޏެވެ.

2011 ވަނަ އަހަރުން ފެށިގެން ލެވަކޫސަން އަށް ކުޅެމުން އައި ލެނޯ ވަނީ އެ ކްލަބަށް 230 މެޗު ކުޅެދީފައެވެ.

ޖަރުމަނުގެ ގައުމީ ޓީމަށް ހަ މެޗު ލެނޯ ކުޅެދިންއިރު މިފަހަރުގެ ވޯލްޑް ކަޕަށް ޖަރުމަނުން ނެގި ޕްރިލިމިނަރީ ސްކޮޑުގައި އޭނާ ހިމަނާފައިވެއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ސްކޮޑުން ބާކީކޮށްފައެވެ.

ލެނޯ އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އާސެނަލް އަށް ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އާސެނަލް އަށް ވަނީ ޔުވެންޓަސް އަށް ކުޅެމުން އައި ސްވިޒަލޭންޑްގެ ޑިފެންޑަރު ސްޓެފަން ލީޗެސްޓެއިނާ ގެނެސްފައެވެ.

މީގެއިތުރުން މި ޓްރާންސްފާ މާކެޓުގައި އާސެނަލް އަށް އިތުރު މިޑްފީލްޑަރަކާއި އަދި ޑިފެންޑަރަކު ގެންނާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.