ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިރޭ އީރާނާއި ދެކޮޅަށް ކުޅޭ މެޗަށް ސްޕެއިންގެ ޑިފެންޑަރު ޑެނީ ކަވަހާލް ފިޓުވެއްޖެއެވެ.

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކަވަހާލްގެ ފައިގަ ފަލަމަސްގަނޑަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލްގެ މައްޗަށް 1-3 އިން ރެއާލް އިން ކުރި ހޯދި މެޗުގައެވެ. އެ އަނިޔާއާ ގުޅިގެން ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޕޯޗުގަލްއާ ބައްދަލުކޮށް 3-3 އިން ސްޕެއިން އެއްވަރުވި މެޗުގައި ކަވަހާލް ކުޅެފައެއް ނުވެއެވެ. އެ މެޗުގައި ކަވަހާލްގެ ބަދަލުގައި ކުޅެފައިވަނީ ނާޗޯއެވެ.

ނަމަވެސް މިރޭގެ މެޗަށް ކަވަހާލް ފިޓުވެފައިވާ ކަމަށް ސްޕެއިންގެ ކޯޗު ފެނާންޑޯ ހިއޭރޯ ވަނީ ބުނެފައެވެ.

"ޓީމާއެކު ކަވަހާލް ފަރިތަކުރުންތައް ކުރިއަށް ގެންދާތާ މިހާރު ހަފްތާއެއް ވެއްޖެ. ކަވަހާލް ވަނީ އަނިޔާ އިން މުޅިން ރަނގަޅުވެފައި. މިރޭގެ މެޗަށް އޭނާ ވަނީ ފިޓުވެފައި" ހިއޭރޯ ބުންޏެވެ.

މީގެއިތުރުން ހިއޭރޯ ވަނީ މިރޭގެ މެޗުގައި ވެސް ސްޕެއިންގެ ގޯލު ބަލަހައްޓާނީ ޑޭވިޑް ޑެހެޔާ ކަމަށްވެސް ބުނެފައެވެ. ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިން ކޮޅަށް ދެވަނަ ގޯލު ވަދެފައިވަނީ ޑެހެޔާ އަށް ހެދުނު ގޯހެއްގެ ސަބަބުން ކަމަށްވާއިރު އެކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން އޭނާ ވަނީ އަމާޒުވެގެން ގޮސްފައެވެ.

"ޑެހެޔާ މިރޭ ވެސް ކުޅޭނެ. އަހަރުމެން އޭނާ އަށް އިތުބާރު ކުރަން. ޑެހެޔާ އަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް" ހިއޭރޯ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ މެޗުން ސްޕެއިން އެއްވަރުވި ނަމަވެސް އީރާން ވަނީ ފުރަތަމަ މެޗުން މޮޅުވެފައެވެ. އެޓީމު މޮޅުވީ މޮރޮކޯއާ ބައްދަލުކޮށް 0-1 އިންނެވެ.

ސްޕެއިން އާއި އީރާން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.