ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ޗައިނާއާއި ދެކޮޅަށް ރާއްޖެ ކުޅެން ތައްޔާރުވާއިރު އާއްމު ހާލަތަށް ބަލާއިރު އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) އަށް ކުއްލިއަކަށް ކުޅެން އުނދަގޫވާނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ރާއްޖެ ހިމެނޭ ގްރޫޕުގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ޗައިނާއާއި ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނީ ދަގަނޑޭ އާއި ތޮއްޕޭ ޓީމާއި ގުޅުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށާއި ނަމަވެސް ކަރަންޓީނުގައި ނުކުޅެ ދުވަސްތަކެއް ހޭދަކުރުމަށްފަހު ކުއްލިއަކަށް މެޗެއް ކުޅުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ނަމަވެސް ކަންކަން ބަދަލުވާ ގޮތަކުން ފުރުސަތު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ގައުމީ ކޯޗު ބުންޏެވެ. މި މެޗާއި ކުރިމަތިލާ ޗައިނާ ޓީމަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވެއެވެ. ރިޕޯޓުުތައް ބުނާގޮތުން ޗައިނާއިން މި މެޗުގައި ކުޅުވާނީ އެ ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިންނެވެ. އެއީ ސީރިއާ މެޗަށް އެ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އަމާޒުގައި ރާއްޖެއިން މިއަދު ޗައިނާއާއި ވާދަކުރާއިރު ޗައިނާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްްދަލުވުމުގައި ވާހަކަދައްކަމުން ގައުމީ ކޯޗު ބުނީ ވަނީ ރާއްޖެއަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ހާލަތުގެ ވާހަކަ ތަކުރާރުކޮށްފައެވެ. އަދި މި ހާލަތުގައި ގައުމީ ޓީމުން މެޗު ކުޅުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ނުދެކޭ ކަމަށްވެސް ގައުމީ ކޯޗު ބުންޏެވެ.

ޗައިނާ މެޗު ބޮޑަށް މި ވިސްނަނީ މުސްތަގްބަލަށް އަޅާ ފައުންޑޭޝަނެއްގެ ގޮތުގައި ކަމަށާއި ނަމަވެސް މިއީ ފަސޭހަކޮށްލައިގެން ދޫކޮށްލާނެ މެޗެއް ނޫން ކަމަށް ކޯޗު ބުންޏެވެ.

މި މެޗާއި ކުރިމަތިލާއިރު ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ލިބުުނު 21 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޗައިނާ އޮތީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިލިޕީންސް އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. އަދި ހަތަރުވަނައިގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު އެވެ. ފުލުގައި ގުއާމް އަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ރާއްޖެއާއި ޗައިނާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 22:00 ގައެވެ.