ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ޗައިނާއާއި ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗު ޗައިނާއިން ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ.

ރާއްޖެ ހިމެނޭ ކޮލިފައިން ގްރޫޕުގެ މެޗުތައް ކުރިޔަަށްދަނީ ދުބާއިގައެވެ. މި ގްރޫޕުގައި ޗައިނާއާއި ރާއްޖެ ކުޅުނު ދެވަނަ ލެގުގެ މެޗު ޗައިނާ ކާމިޔާބުކުރީ 5-0 އިންނެވެ. މާލޭގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗުވެސް ނިމުނީ 5-0 އިންނެވެ.

ސީރިއާ އާއި ދެކޮަޅަށް ކުޅުނު ދެވަނަ ލެގާއި ހިލާފަށް މި މެޗުގައި ރާއްޖޭގެ ފަރާތުން މި މެޗުގައި ގިނަ ކުރިއެރުންތަކެއް ފެނިގެންދިޔަ އެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ ބޯޅަ ހިފަހައްޓައިގެން ޓީމުން ކުޅުނު ކުޅުމެވެ. އަދި ގޯލާއި އަމާޒުކޮށް ފުރުސަތުތަކެއް ވެސް ތަނަވަސްކުރި ތަން ފެނިގެންދިޔަ އެވެ.

މެޗުގެ ފުރަތަމަ ހާފު ޗައިނާ ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު އެވެ. މި ހާފުގައި ޗައިނާގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗު ފަށައިގެން ފަސްވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ ލިޔު ބިންބިން އެވެ. އެއަށްފަހު ޗައިނާއިން ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ވޫ ލެއި އެވެ.

ފުރަތަމަ ހާފުގައި ރާއްޖެއިން ބަދަލެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގެ ވަކި ހިސާބަކުން ރާއްޖެއިން ބަދަލުތަކެއް ފެނިގެންދިޔަ އެވެ. މި ހާފުގައި ޗައިނާއިން ތިންވަނަ ލަނޑު ޖެހީ މެޗުގެ 67 ވަނަ މިނެޓުގައެވެ. އެލަން ކާވަޅޯ މި ލަނޑު ޖެހިއިރު މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ޗައިނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ޒަންގް ޔޫނިން އެވެ. ޗައިނާގެ ފަސްވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ޓޭންގް ލޯން އެވެ.

ރާއްޖެ އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު ހަތް މެޗުން ހަ ޕޮއިންޓާއެކު އެވެ. ޗައިނާ އާއި ސީރިއާ އޮތީ މި ގްރޫޕުން ރާއްޖެއާއި ބޮޑު ތަފާތަކާއެކު އެވެ.

މި ނަތީޖާއާއެކު ރާއްޖެ އޮތީ ހަތް މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުންވެސް މޮޅުވެ 21 ޕޮއިންޓާއެކު ސީރިއާއެވެ. ހަތް މެޗުން 16 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ.