ވޯލްޑްކަޕް ކޮލިފައިން އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ އެންމެ ފަހު ތިން މެޗާއެކު ދެން ތައްޔާރުވާނީ ކުރިޔަށްއޮތް ސާފް ޗެމްޕިއަންޝިޕަށް ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ޗައިނާއާއި ރާއްޖެ ބައްދަލުކުރި މެޗު ނިމުނީ 5-0 އިން ޗައިނާ މޮޅުވެގެންނެވެ. މި ދެ ޓީމު މާލޭގައި ބައްދަލުކުރި ފުރަތަމަ ލެގުވެސް ނިމުނީ ހަމަ މި ނަތީޖާއާއެކު އެވެ.

ކޯޗުކަމާއި ހަވާލުވުމަށްފަހު އަހަރެެއްހާ ދުވަހަށްފަހު ރާއްޖެއިން ވާދަވެރި މެޗެއް ކުޅުނީ ކޮލިފައިންގައެވެ. ސީރިއާ އާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ނިމުނީ 4-0 އިން ސީރިއާ މޮޅުވެގެންނެވެ. ކޯޗު ބުނީ އެކަށީގެންވާ ވަރަށް ތައްޔާރުވާން ރާއްޖެއަށް ފުރުސަތު ނުލިބޭ ކަމަށާއި މި މެޗުތަކާއެކު ތައްޔާރުވަނީ މުސްތަގްބަލަށް ޓީމެއް ބިނާކުރުމަށް ކަމަށެވެ.

ރާއްޖެ ހިމެނޭ ގްރޫޕް އޭގައި އިއްޔެ ގުއާމް އަތުން ފިލިޕީންސް ހޯދި މޮޅާއެކު ރާއްޖެއަށް ތިންވަނަ ހޯދުމުގެ ފުރުސަަތު ވަނީ ގެއްލިފައެވެ. ފިލިޕީންސް މިހާރު އޮތީ 10 ޕޮއިންޓާއެކު އެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ފިލިޕީންސް އަތުން މޮޅުވި ނަމަވެސް ލިބޭނީ 9 ޕޮއިންޓެވެ.

ޗައިނާއާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ޗައިނާ މެޗަށްފަހު ކޯޗު ބުނީ ބަލިވާ ކޮންމެ ފަހަރަކު މާޔޫސްވާނެ ކަމަށާއި ނަމަވެސް ހަގީގަތާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެއިން މި ކޮލިފައިންގެ މެޗުތަކާއި ކުރިމަތިލީ ގޮންޖެހުންތަކާއެކު ކަން ކޯޗު ފާހަގަކޮށްފައިވެއެވެ. އަދި މިއީ އަހަރަކާއި ހަތް މަސްތެރޭ ކުޅުނު ދެވަނަ މެޗު ކަމަށާއި ދަނޑުމަތީގައި ކިރިޔާ ކުރެވުނީ 11 ޕްރެކްޓިސް ކަމަށެވެ.

ކޯޗު ބުނީ މި މެޗުތަކުގެ އަލީގައި ރާއްޖެއިން ދެން ތައްޔާރުވާނީ ކުރިޔަށްއޮތް ސާފް ޗެމްޕިއަންޝުިޕަށް ކަމަށާއި މިއީ މުސްތަގްބަލަށް ޓީމު ބިނާކުރަން ލިބޭ ބޮޑު ބާރެއް ކަމަށެވެ.

"މި ތިން މެޗުގެ އަލީގައި ބޭނުންވަނީ ސެޕްޓެމްބަރުގައި އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން، ރާއްޖޭގެ މި ފެންނަ ކުޅުމަށް ބަލާފަ ފެނޭ މިއަށްވުރެ ރަނގަޅުކުރެވޭނެ ކަންކަން، އެހާހިސާބުން ދެން މަސައްކަތް ފަށާނީ އަހަރެން ކުޅުވަން އުޅޭ ގޮތް" މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުންޏެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއަށް ވަނީ އޭޝިއަން ކަޕުގެ ގްރޫޕްސްޓޭޖަށް ކޮލިފައިވުމުގެ ދޮރު ބަންދުވެފައެވެ. އެއާއެކު ރާއްޖެއިން ދެން ކުޅެން ޖެހޭނީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕއް ސްޓޭޖުގެ ކޮލިފައިން ބުރެވެ. މި ޕްލޭއޮފްގައި ވާދަކުރާނީ އެހެން ގްރޫޕުތަކުގެ ދަށް ލެވެލްގެ ޓީމުތަކާއެވެ. މި މެޗުން މޮޅުވެ ރާއްޖެއަށް އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެއެވެ.

ރާއްޖެ އޮތީ ހަތް މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތް މެޗުންވެސް މޮޅުވެ 21 ޕޮއިންޓާއެކު ސީރިއާއެވެ. ހަތް މެޗުން 16 ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ހަތް މެޗުން 10 ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢނމ

    ޜާއްޖޭގެ ކުޅުން ވ ރަނގަޅު.. ޗައިނާ ، ސީރިއާ ފަދަ ގައުމު ތަކާއި ދެކޮޅަށް ކުޅެގަނެވުމަކީ ވ ކުރިޔައް ޖެހިލުން.. މިއީ "ފުޓުބޯޅަ ކުޅުމުގައި" 500 ވސ ހަމަ ނުވާ ވަރުގެ އާބާދީ އެކޭ

    8
    2
  2. ދިވެއްސެއް

    ޑިފެންޑަރުންގެ ފެންވަރާއި ސަމާލުކަން ވަރަށް ދަށް. ކޮންމެ ޕާސްއެއްގައި ކޮންޓްރޯލް ކުރުމާއި ޕާސްގެ ސްޕީޑްދެރަ. އަދި ޕްރެކްޓިސްތައް ރަނގަޅުކޮށް ކުޅުންތެރިންގެ ފިޓްނަސްވެސް ރަނގަޅުކުރަންވީ. ނަމަވެސް ކުޅުންތެރިންގެ ހިތްވަރަށް 100% +. ދަގަޑޭވެސް މިހާރު ކުރިންހާ ޝާޕެއްނޫން. ވީމާ ފޯވަޑެއްގެ ގޮތުގައި ކުޅުމުގެ ބަދަލުގައި ކުޑަކޮށް މެދުތެރެއަށް ޖެހި ކުޅުމުގެ ޓެމްޕޯ ކޮންޓުރޯލް ކުރާ ކުޅުންތެރިއަކަށްވާންވީ.

    1
    1
  3. ކަޑަ

    ކޯޗު ބަދަލު ކުރަންޖެހޭ، ރާއްޖެމޭގެ ފުޓުބޯޅަ ދަނީ ދުވަހަކައްވުރެ ދުވަހެއް ދަށަށް، ދައުލަތުން ބޮޑުހޭދައެއް އެބަކުރޭ، ޔޫތު މިނިސްޓުރީ އަދި އެފްއޭ އިން ރަގަޅައްވިސްނާ މިހާރުން މިހާރަށް އިންގިލާބީ ބަދަލުތަކެއް ގެންނަންޖެހޭ.. މިހާރުގެ ކޯޗުވެސް ނުސީދާ ކޮށް ދިވެހިޓީމަށް މަލާމާތް ކުރަމުން އަންނަކަން ފާހަގަކުރެވޭ.