ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ވޭލްސް އަދި ސްވިޒަލޭންޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.

އަޒެރްބައިޖާންގެ ބާކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެވެ. މި ހާފުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މި ހާފުގައި ކުޅެފައިވަނީ ސްވިޒަލޭންޑުންނެވެ.

މި ހާފުގައި ތަނަވަސްވި ފުރުސަތުތަކުގެ ތެރެއިން ގެރެތް ބޭލް އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ދެ ޓީމުގެ ކީޕަރުންވެސް މި ހާފުގައި ފެނުނީ ވަރަށް ހުށިޔާރުކޮށެވެ.

ދެވަނަ ހާފުގައި މަންޒަރު ބަދަލުވެގެންދިޔަ އެވެ. ދެ ޓީމުންވެސް ފުރުސަތުތައް އިތުރަށް ތަނަވަސްކުރި އެވެ. ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސްވިޒަލޭންޑަށް ގޯލު ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުން ދިޔައީ ވޭލްސް ކޮޅަށް ބާރުބޮޑުކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން މި މެޗުގައި ސްވިޒަލޭންޑުން ވަނީ ލީޑުނަގާފައެވެ. ކެޕްޓަން ޒަރްދަން ޝަކީރީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން މެޗުގެ 49 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯ އެވެ. މި ގޯލަށްފަހު ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސްވިޒަލޭންޑެވެ. މީގެތެރެއިން ކެވިން އެމްބާޕޫ އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފުގައި ސްވިޒަލޭންޑުގެ ކެޕްޓަން ޝަކީރީ ބަދަލުކުރުމާއެކު ވޭލްސް އިން މެޗުގެ އޮއިވަރަށް ބަދަލުތަކެއް ގެނައެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެ ޓީމުން ކުޅެން މަސައްކަތް ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ވޭލްސް އިން ނަތީޖާ ހަމަހަމަކުރީ 74 ވަނަ މިނެޓުގައެވެ. ޑެނިއެލް ޖޭމްސް ނެގި ކުރު ކޯނަރަކުން މި ލަނޑު ކެފަރ މޫ ކާމިޔާބުކުރީ ޖޯ މޮރެލް އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުންނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ބައްދަލުކޮށްފައިވަނީ މި ގްރޫޕުގެ ދެ ޓީމެވެ. އިޓަލީ އާއި ތުރުކީ ބައްްދަލުކުރި މި މެޗު 3-0 އިން ކާމިިޔާބުކޮށްފައިވަނީ އިޓަލީއެވެ.

ޔޫރޯގައި ވޭލްސް ދެން މެޗެއް ކުޅޭނީ މިމަހުގެ 16 ގައެވެ. މިމެޗުގައި ބައްދަލުކުރާނީ ތުރުކީ އާއެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު ސްވިޒަލޭންޑް ބައްދަލުކުރާނީ އިޓަލީއާއެވެ.