ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީ ގެ ދެވަނަ މެޗުގައި ބައްދަލުކު ދެ ޓީމަކީ ބެލްޖިއަމާއި ރަޝިއާއެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ބެލްޖިއަމް އަކީ މި މުބާރާތުގެ އެއް ފެވަރިޓެވެ. އެ ޓީމުގައި ތިބި ކުޅުންތެރިންގެ ނިސްބަތުން ބެލި ކަމުގައިވީ ނަމަވެސް މިއީ އާދައިގެ ޓީމެއް ނޫނެވެ.

އަނެއްކޮޅުން ރަޝިޔާއަކީ ވެސް ތޯތޯ ޓީމެއް ނޫނެވެ. އަމިއްލަ ގައުމުގައި މި މެޗު ކުޅޭއިރު މިއީ އެ ޓީމަށް ލިބިގެންދާ ބޮޑު އެޑްވާންޓޭޖެކެވެ. މެޗު ކުޅޭނީ ރަޝިއާގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމުގައެވެ. މިއީ 67،800 މީހުންގެ ޖާގައިގެ ބޮޑު ސްޓޭޑިއަމެކެވެ. ޔުއެފާއިން ކަނޑައަޅާފައިވާ އުސޫލުތަކުގެ ސަބަބުން މި މެޗުގައިވެސް ކުޅިބަލަން ވަދެވޭނީ 50 އިންސައްތަ ސަޕޯޓަރުންނަށެވެ.

ބެލްޖިއަމް އެންމެ ބޮޑަށް ވިދާލީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުންނެވެ. ޓީމުގައި ތިބި ނަން މަޝްހޫރު ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތް ކާމިޔާބުކުރުމަކީ އެ ޓީމަށް ނުވާނެ ކަަމެއް ނޫނެވެ. އެކަން ވޯލްޑްކަޕުން ވެސް ސާބިތުކޮށްދީފައިވެއެވެ. ބެލްޖިއަމް މި މުބާރާތަށް ކޮލިފައިވެފައިވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ.

ބެލްޖިއަމް

ކޯޗު: ރޮބާޓޯ މާޓިނޭޒް

ކެޕްޓަން: އެޑެން ހަޒާޑް

ނިކް ނޭމް: ރެޑް ޑެވިލްސް

ރަޝިޔާ

ކޯޗު: ސްޓަނިސްލަވް ޗަރްޗަޝޯޗް

ކެޕްޓަން: އާޓެމް ޒުޔޫބާ

ނިކް ނޭމް: އަވާ ގައިޒް

 

ކޯޗުންގެ ބަސް

ރޮބާޓޯ މާޓިނޭޒް (ބެލްޖިއަމް)

ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ބެލްޖިއަމްގައި ތިބުމުން އެއީ ކޯޗު ރޮބާޓޯ މާޓިނޭޒް އަށް ލިބިގެންދާ ބޮޑު ހިތްހަމަޖެހުމެކެވެ. ކެވިން ޑިބްރޭނާ އަނިޔާވުމާއި ގުޅިގެން މި މުބާރާތުގެ ކުރީކޮޅު ނުކުޅެވޭނެމަށް ބެލެވުނު ނަމަވެސް ކޯޗު ފާހަގަކުރާ ގޮތުގައި އެ މަގާމަށް ކުޅެވޭ ފެންވަރުގެ އެހެން ކުޅުންތެރިން އެބަތިއްބެވެ.

ރަޝިޔާގެ ދަނޑުގައި އެ ޓީމައި ދެކޮޅަށް މުބާރާތުގެ ފުރަތަމަ މެޗު ކުޅުމަކީ ބޮޑު ޗެލެންޖެއްގެ ގޮތުގައި މާޓިނޭޒް ފާހަގަކުރެއެވެ. ހާއްސަކޮށް ރަޝިޔާއިން މިހާތަނަށް އަމިއްލަ ދަނޑުގައި ނެރެފައިވާ ނަތީޖާތަކުން އެކަން ފެނިގެންގޮސްފައިވެއެވެ.

ސްޓަނިސްލާވް ޗެރްޗެޝޯފް (ރަޝިޔާ)

ރަޝިޔާގެ އަމިއްލަ ދަނޑުގައި ކުޅޭއިރު ކޯޗުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަމިއްލަ ދަނޑުގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުސަތު އަހަރެއްހާ ދުވަސްފަހުން ލިބުމެވެ.

އަނެއްކޮޅުން މި ދެ ޓީމު މިހާތަނަށް ކުޅެފައިވާ ތިން ފަހަރުވެސް ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު ތިން ފަހަރުގެ ތެރެއިން ބެލްޖިއަމް ވަނީ ދެ ފަހަރު މޮޅުވެފައެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރަޝިޔާގެ ކޯޗު ބުނާގޮތުން ތާރީހު ބަދަލުކުރުމަށް މި މެޗުގައި ވަރަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެންމެފަހުން ކުޅުނު ދެ މެޗުގައި ކުޅުނު ގިނަ ކުޅުންތެރިން ބެލްޖިއަމް ޓީމުގައި ތިބުުމުން އެއީ ހިތްހަމަޖެހުމެއް ކަމަށެވެ.