ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން ކުއްލިގޮތަކަށް ދަނޑުމައްޗަށް ވެއްްޓުމާއި އިތުރުފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ޔުއެފާއިން ބުނެފިއެވެ.

ޔުއެފާއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެރިކްސަން ދަނޑުމައްޗަށް ކުއްލިގޮތަކަށް ވެއްޓުމާއި ގުޅިގެން މެޗު ކުޅެމުންދިޔަ ޑެންމާކް އަދި ފިންލޭންޑްގެ އޮފިޝަލުންނާއެކު ކުއްލިގޮތަކަށް ކްރައިސިސް މީޓިންއެއް ފަށާފައިވާ ކަމަށެވެ. މި މީޓިންއަށް ފަހު މެޗާއި މެދު އަމަލުކުރާނެ ގޮތެއް ނިންމާނެ ކަމަށެވެ.

މީގެއިތުރުން ކްރިސްޓިއަން އެރިކްސަން ހޮސްޕިޓަލަށް ގެންދެވި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް ޔުއެފާގެ ޓްވީޓުގައި ބުނެފައިވެއެވެ.

 

ޔުއެފާގެ ގަވާއިދު ބުނާގޮތުން އެމަޖެންސީ ހާލަތެއްގައި މެޗު ހުއްޓާލައިފިނަމަ އެ މެޗެއް އެންމެ އަވަހަށްވެސް ދެން ކުޅެވޭނީ 48 ގަޑިއިއަށްވުރެ ފަހުންނެވެ.

އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ މެޗުގެ 43 ވަނަ މިނެޓުގައެވެ. އެއާއެކު ޔުއެފާއިން ކުއްލިގޮތަކަށް ދެ ޓީމާއެކު ބައްދަލުވުމެއް ބޭއްވިތަން ފެނިގެންދިޔަ އެވެ. އެ ބައްދަލުވުމަށްފަހު ޔުއެފާއިން ނިންމީ މެޗު މިރޭ ފަހުން ކުޅުމަށެވެ. ކުޅުން އަލުން ފަށާނީ ކުރިން ހުއްޓާލި ހިސާބުންނެވެ. އެއީި ފުރަތަމަ ހާފުގެ 43 ވަނަ މިނެޓާއި ހިސާބުންނެވެ.