ޔުއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީ ގައި ފިންލޭންޑާއި ޑެންމާކް ބައްދަލުކުރި މެޗުގައި ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއި ގުޅިގެން ޔުއެފާއިން މެޗު މެދުކަނޑާލުމަށް ފަހު އަލުން މިރޭ ކުޅުން ކުރިއަށް ގެންދަން ނިންމައިފިއެވެ.

މެޗްގެ ކުޅުން ކުރިއަށް ގެންދާނީ މެޗް މެދުކަނޑާލި ހިސާބުންނެވެ.

ޔޫއެފާ އިން ބުނާ ގޮތުގައި ކުޑައިރުކޮޅެއް ފަހުން މެޗްގެ ކުޅުން އަލުން ފަށާނެއެވެ. މެޗްގެ ކުޅުން އަލުން ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން 23:30 ގައެވެ.

ދަނޑުމައްޗަށް ވެއްޓުނު އެރިކްސަން އަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު މިވަގުތަށް ރަނގަޅު ކަމަށް ޔޫއެފާ އިން ބުނެއެވެ. މި މެޗު ހުއްޓާލި ހިސާބުން އަލުން ފެށުމަށް ނިންމީ ޔުއެފާއިން ކުއްލިގޮތަކަށް ބޭއްވި ބައްދަލުވުމެއްގައި ދެ ޓީމުގެ އިސް އޮފިޝަލުންނާއި އެކު ބޭއްވި ބައްދަލުވުމަށްފަހު އެވެ.

މި މެޗު ހުއްޓާލި ހިސާބުން ގެނެސްދޭއިރު ، މި މެޗު ހުއްޓާލީ 43 ވަނަ މިނެޓުގައެވެ. އެހާހިސާބަށް ހުއްޓާލިއިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ.