ކުއްލިގޮތަކަށް ދަނޑުމައްޗަށް ވެއްޓުމުގެ ސަބަބުން ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަން ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެ ޓީމުގެ ކުޅުންތެރިންނާއި ވާހަކަދެއްކި ކަމަށް ޑެންމާކް ފުޓުބޯޅަ ޔޫނިއަންގެ ޑިރެކްޓަރ ޕީޓާ މޮލާ ވިދާޅުވެއްޖެ އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފިންލޭންޑާއި ދެކޮޅަށް އަމިއްލަ ގައުމުގައި ޑެންމާކް ކުޅުނު މި މެޗުގައި އެރިކްސަން ވެއްޓިފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުއެވެ.

އެއަށްފަހު ދަނޑުމަތީގައި އިތުރު ފަރުވާދިނުުމުގައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު ހޭދަކުރިތަން ފެނިގެންދިޔަ އެވެ. އެއާއެކު ޔުއެފާއިން ވަނީ މެޑިކަލް އެމަޖެންސީއެއްގެ ގޮތުގައި ނިންމާ، މި މެޗު މެދުކަނޑާލާފައެވެ. އަދި ދެ ޓީމުގެ އޮފިޝަލުންނާއެކު ޔުއެފާއިން ބޭއްވި ބައްދަލުވުންތަކަށް ފަހު ދެ ޓީމުގެ އެދުމާއިި އެކު މެޗު ވަނީ ފުރިހަމަކޮށްފައެވެ.

މި މެޗު ފެށީ 90 ވަރަކަށް މިނެޓުގެ މެދުކެނޑުމަކަށްފަހު އެވެ. މި މެޗު ނިމުނީ 1-0 އިން ފިންލޭންޑް މޮޅުވެގެންނެވެ.

ޕީޓާ މޮލާ ވިދާޅުވީ ދަނޑުމަތިން އެރިކްސަން ބޭލިފަހުން އޭނާ ހަރަކާތްކުރަން ފެށި ކަމަށާއި އޭނާގެ ހާލު މަޑުމަޑުން ހަމަޔަކަށް އެޅެމުން އަންނަ ކަމަށެެވެ.

ސިއްހީ އެހީތެރިންނާއެކު އެރިކްސަން ދަނޑުން ބޭލިއިރު ޑެންމާކް ކުޅުންތެރިންނާއި ފިންލޭންޑުގެ ކުޅުންތެރިންގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބީ ފެންކަޅިވެފައެވެ. އަދި އެރިކްސަން އަށް އިތުރު ފަރުވާ ދިން ވަގުތު ޑެންމާކް ކުޅުންތެރިން ތިބީ އޭނާ ވަށާލައިގެންނެވެ. އެ ދަނޑިވަޅުވެސް ކުޅުންތެރިންގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.