ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރަޝިޔާ ކޮޅަށް ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ޖެހި ފުރަތަމަ ލަނޑު މިއަދު ކުއްލިގޮތަކަށް ދަނޑުމައްޗަށް ވެއްޓި އިތުރުފަރުވާ ދެމުންދާ ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން އަށް ހާއްސަކޮށްފިއެވެ.

ލުކާކޫ އާއި އެރިކްސަން އަކީ އިޓަލީގެ އިންޓަމިލާނުގައި އެކުގައި ކުޅެމުން އަންނަ ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންނަކީ ގާތް ދެ ރަހުމަތްތެރިންނެވެ. މެޗަށްފަހު ވެސް ލުކާކޫ ވަނީ އެރިކްސަން އަށް އަވަސް ޝިފާއެއް ލިބުމަށް އެދިފައެވެ.

ރަޝިޔާގެ ސެއިންޓް ޕީޓާސްބާގްގައި ކުޅުނު މި މެޗު ބެލްޖިއަމް ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ލުކާކޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އޭނާ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ރަޝިޔާގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނުނު ނަމަވެސް މަދު ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރި އެވެ. މި މެޗާއެކު މި މުބާރާތުގެ ގްރޫޕް ބީގައި ކޮންމެ ޓީމަކުން ވަނީ މެޗެއް ކުޅެފައެވެ.

މި މެޗުގައި ލުކާކޫ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 10 ވަނަ މިނެޓުގައެވެ. މިއީ ރަޝިޔާގެ ޑިފެންސްލައިނުން ހެދުނު ގޯހެއްގެ ފައިދާ ނަގާ ލުކާކޫ ކާމިޔާބުކުރި ލަނޑެކެވެ. އޭރިއާ ތެރެއަށް ބޯޅަ ހުރަސްވިއިރު ޑިފެންޑަރު ފައިގަ ޖެހުމަށްފަހު އެ ބޯޅަ ދެން ލައްވާލީ ލުކާކޫގެ ފަޔަށެވެ. އެއާއެކު ހަމަޖެހިލައިން އެ ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު ލުކާކޫ އެ ބޯޅަ ފޮނުވާލީ ގޯލުގެ ކަނަށް އަމާޒުކޮށްގެންނެވެ.

ބެލްޖިއަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 34 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯލަ ރަޝިޔާގެ ކީޕަރު މަތަކުރަން އުޅުނު ނަމަވެސް އޭނާގެ އަތުގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ބޯލަ ހޯދައިން ތޯމަސް މުނިއޭ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގައި ބެލްޖިއަމްގެ ތިންވަނަ ލަނޑު 88 ވަނަ މިނެޓުގައި ލުކާކޫ ކާމިޔާބުކުރީ އޭނާގެ ހަލުވިކަމުގެ ފައިދާ ނަގައިގެންނެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މި ދެ ޓީމުގެ ތެރެއިން ބެލްޖިއަމް އެންމެ އަވަހަށް ބައްދަލުކުރާނީ މިމަހުގެ 17 ވަނަ ދުވަހު ޑެންމާކް އާއެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު ރަޝިޔާ ބައްދަލުކުރާނީ ފިންލޭންޑާއެވެ.