މިހާރުގެ ދުނިޔެއަށް ބަލާކަމުގައިވާނަމަ، ޖަޕާނަކީ ނަމޫނާ ޤައުމެކެވެ. އެޤައުމުގެ ރައްޔިތުންނަކީ ރިވެތި އާދަތަކާއި ރަނގަޅު ސުލޫކެއްގެ ވެރި ބައެކެވެ. އެމީހުންގެ ގެތަކުން ފެށިގެން ގޮސް އެމީހުންގެ ސްކޫލުތަކުންނާއި އޮފީސްތަކުންވެސް މިކަން ހަމަ ވަރަށް ރަނގަޅަށް ހާމަވާނެއެވެ. އަދި، ކިއެއް ހެއްޔެވެ؟ އެމީހުން ދަނީ އެމީހުންގެ މި ރީތި އަދާތައް، ޤައުމުން ބޭރުގައި ދައްކާ، މި ރީތި ނަން ހިފަހައްޓަމުންނެވެ.

ރަޝިޔާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގައި، އިއްޔެ ޖަޕާނު ކުޅުނު މެޗަށް ފަހު، އެޤައުމުބގެ ސަޕޯޓަރުންވަނީ ނަމޫނާ ދައްކާފައެވެ. ޤައުމަށް ކުރި ވަރުގަދަ ސަޕޯޓަށްފަހު، އެމީހުން ތިބި ސަރަޙައްދު، އެމީހުންވަނީ އަމިއްލައަށް ސާފުކޮށްފައެވެ. އަމިއްލައަށް އެތަނަށް އެޅި ކުނިތައް އެމީހުން ވަނީ އަމިއްލައަށް ނަގާފައެވެ.

ޖަޕާނުގެ ސަޕޯޓަރުން ދަނޑަށް އައީވެސް އެކަމަށް ވިސްނައިގެން، އެކަން ކުރަން ހިތު އަޅައިގެންނެވެ. އެ ސަޕޯޓަރުން ތިބި ސަރަޙައްދުގައި ހުރި ކުނިތައް އެޅުމަށް އެމީހުންވަނީ އަމިއްލައަށް ޑަސްޓް ބިން ބޭގުވެސް ގެނެސްފައެވެ. އަދި، އެންމެން ގުޅިގެން، ކުނިތައް ނެގުމަށްފަހު ޑަސްޓް ބިން ކޮތަޅުތަކަށްވަނީ އަޅާފައެވެ.

މިކަމާ ގުޅިގެން ޖަޕާނުގައި މަސައްކަތްކުރާ ފުޓުބޯޅަ ނޫސްވެރިޔަކު، "ބީބީސީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއީ ޖަޕާނުގެ ސަޤާފަތުގެ ބައެއްކަމަށެވެ.

މިކަމުގެ ސަބަބުބް، ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން، ޖަޕާނުގެ ސަޕޯޓަރުންނަށް ހުއްޓި، އެތައް ބައެއްގެ ހިތްވަނީ އެޓީމަށް ލަންބުވާލާފައެވެ.