ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ރެއަކީ ފާޙަގަކޮށްލެވޭ ރެއެކެވެ. ފިންލޭންޑާއި ޑެންމާކް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަން ކުއްލިގޮތަކަށް ދަނޑުމައްޗަށް ވެއްޓުން ވެގެންދިޔައީ ގިނަބަޔަކަށް ސިހުން ގެނުވި ކަމަކަށެވެ.

އޭނާ ދަނޑުމައްޗަށް ވެއްޓުމާއެކު އެންމެ ފުރަތަމަ އަވަސް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާން ފެށީ ޑެންމާކްގެ ކެޕްޓަން ސިމޮން ކިއާ އެވެ. ކިއާ ވަނީ އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއެކު އޭނާއަށް ފަސްޓް އެއިޑް ދޭން ފަށާފައެވެ. އެގޮތުން އެރިކްސަންގެ ދޫ އެތެރެއަށް ވަދެދާނެކަމަށް ބަލާ އެންމެ ފުރަތަމަ އަނގަ ތެރެއަށް އަތް ކޮށްޕުމަށްފަހު ދޫ ބޭރުކުރި އެވެ. އެއަށްފަހު ސިއްހީ ފަރުވާދޭ މީހުން ދަނޑުމައްޗަށް އެރުމުގެ ކުރިން ސީޕީއާރު ދިނެވެ.

ކެޕްޓަނެއްގެ ޒިންމާ އެންމެ ފުރިހަމައަށް އޭނާ މި މެޗުގައި އަދާކުރިއެވެ. ޑެންމާކް ބަލިވި ނަމަވެސް ފުރާނައެއް ސަލާމަތްކުރަން އެ ދެއްކި ނަމޫނާއާއެކު އޭނާއަށް ތައުރީފު އޮހިގެންދިޔަ އެވެ. ރެފްރީ މެޗު ހުއްޓާލުމާއެކު ކެޕްޓަން އެ ޓީމުގެ ހުރިހާ ކުޅުންތެރިން ފާރަކަށް އަތުރާލުމުގައި މަސައްކަތްފެށި އެވެ. އެއީ އެރިކްސަން އޮތް ހާލަތު މީޑިއާ އަދި ކުޅިބެލުންތެރިންނަށް ނުދެއްކުމުގެ ގޮތުންނެވެ.

ދަނޑުމަތީގައި އޭނާ ވެއްޓިފައި އޮތް ވަގުތު ޑީފިބްލޭޓަރ ބޭނުންކުރި ތަން ފެނިގެންދިޔަ އެވެ. މިއީ އާންމުކޮށް ހިތުގެ މައްސަލައެއް ކުއްލިއަކަށް ދިމާވެއްޖެ ނަމަ ބޭނުންކުރަން އޮންނަ އާލާތެކެވެ. އެރިކްސަންގެ ފުރާނަ ސަލާމަތްވީ އެންމެ ފުރަތަމަ ވަގުތުން ފެށިގެން ވެސް ފަރުވާ ދޭން ފެށުމުން ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެއެވެ.

އެރިކްސަން އަށް ފަރުވާދިނުމުގެ އިތުރުން ކެޕްޓަން ކިއާ ވަނީ އެރިކްސަންގެ އަނބިމީހާ ހަމަޔަކަށް އަޅުވައިދިނުމުގައި ވެސް މަސައްކަތްކޮށްފައެވެ. އަދި އެ ވަގުތު ދަނޑުމަތީގައި ތިބި އެހެން ކުޅުންތެރިން ވެސް ހަމަޔަކަށް އަޅުވަން އޭނާ މަސައްކަތްކުރި އެވެ. ޔުއެފާއިން ވެސް ވަނީ ކެޕްޓަންގެ އެ މަސައްކަތަށް ތައުރީފުކޮށްފައެވެ.

ގަޑިއެއްހާއިރު ކުޅުން މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު އެރިކްސަން ވަނީ ފަހުން ހޭއަރާފައެވެ. އަދި އޭނާގެ ޓީމުގެ ކުޅުންތެރިންނާއި ވާހަކަދެއްކިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކާފަބޭ2020

    އައީ ފުރަތަމައެހީއަކީ ކޮންއެއްޗެއްކަން ކުޅުންތެރިންނަށް ދަސްކޮށްދޭޖެހޭދަބަބަކީ ކުޑަކުޑަވަގުތުކޮޅެއްގައި ﷲގެއިރާދަފުޅާއެކު އެސަލާމަތްވީއެމައުލޫމާތުކެޕްޓަންގަ އެމައުލޫމާތުހުރީމަ ބެސްޓުކެޕްޓަނެއްބެސްޓު ރެފްރީއެއް ﷲއަށްހަމްދުހުރި!

    9
    1