ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލް ކުޅޭ ފުރަތަމަ މެޗަށް ދެ ދުވަސް ވެފައިވަނިކޮށް އެ ޕޯޗުގަލް ޓީމުގެ ޑިފެންޑަރު ޔާއޮ ކަންސެލޯ ކޮވިޑަށް ފައްސިވެއްޖެ އެވެ.

މުބާރާތުގައި ޕޯޗުގަލް ކުލޭ ފުރަތަމަ މެޗުގައި މިމަހުގެ 15 ވާ އަންގާރަ ދުވަހު ބައްދަލުކުރާނީ ހަންގޭރީ އާއެވެ. ކަންސެލޯ ފައްސިވިކަން އެނގުނީ ޔޫރޯގެ ޕްރޮޓޮކޯލްގައިވާ ގޮތުން ޓީމުގެ ކޮންމެ ކުޅުންތެރިއަކު ކޮވިޑަށް ޓެސްޓުކުރި ފަހަރުގައެވެ. އޭނާގެ ނަތީޖާ ލިބުނީ އާދީއްތަ ދުވަހުއެވެ. ކަަންސެލޯ ފައްސިވި ނަމަވެސް އެހެން ހުރިހާ ކުޅުންތެރިން ކޮވިޑަށް ނައްސިއެވެ.

އުމުރުން 27 އަހަރުގެ ކަންސެލޯ ކޮވިޑަށް ފައްސިވުމާއި ގުޅިގެން އޭނާ ވަނީ އައިސޮލޭޝަނަށް ގެންދެވިފައެވެ. އެއާއެކު ޔޫރޯގައި ކަންސެލޯގެ ބަދަލުގައި ޓީމުގެ ފަހަތް ބަލަހައްޓާ ކުޅުންތެރިއަކަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިޔާ ޑިއޮގޯ ޑަލޮޓް ބޭނުންކުރަން ޕޯޗުގަލް އިން ނިންމާފައިވާ ކަމަށް އެ ގައުމުގެ ފުޓުބޯޅައިގެ މައި އިދާރާއިން ވަނީ ހާމަކޮށްފައެވެ.

 

ޓީމަށް އަލަށް ނެގި ޑިއޮގޯ ޑަލޮޓް އެންމެ ފަހުން ކުޅެފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭސީ މިލާނަށެވެ. އޭނާ ވަނީ މިދިޔަ ހަފުތާގައި ނިމުނު ޔޫރޯ 21 އަހަރުންދަށުގެ މުބާރާތުގައި ޖަރުމަނާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ކުޅެފައެވެ.
ޕޯޗުގަލް ހިމެނޭ ގްރޫޕު އެފް ގެ މެޗުތައް ކުޅެނީ ހަންގޭރީގައެވެ. ކަންސެލޯ ހަންގޭރީގައި މިވަގުތު ކަރަންޓީނުގައި ހުރިއިރު އޭނާގެ ކަންކަން އެ ގައުމުގެ ސިއްހީ ފަރާތްތަކުން ދަނީ ގާތުން ބަލަމުންނެވެ.
ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކަންސެލޯ އަކީ ޕޯޗުގަލްއަށް މުހިއްމު ކުޅުންތެރިއެކެވެ. އޭނާ ޔޫރޯއަށް ތައްޔާރުވީ މެންޗެސްޓަރ ސިޓީގައި ކާމިޔާބު ސީޒަނެއް ނިންމާލުމަށްފަހު އެވެ. ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ކަންސެލޯ ވަނީ 43 މެޗުގައި ކުޅެފައެވެ. އަދި އެންމެފަހުގެ ޕްރިމިއަރ ލީގާއި ލީގު ކަޕް އަދި ޗެމްޕިއަން ލީގު ފައިނަލަށް ވާސިލްވުމުގައި އޭނާގެ ދައުރު ބޮޑެވެ.
ޔޫރޯގެ ގްރޫޕް އެފް ގައި ޕޯޗުގަލް އާއި ހަންގޭރީގެ އިތުރުން ފްރާންސް އަދި ޖަރުމަނެވެ.