ޔުއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސީގެ މެޗުތައް މިރޭ ފަށާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ނޯތް މެސެޑޯނިއާ އާއި އޮސްޓްރިއާ އެވެ. މުބާރާތުގެ ނިސްބަތުން މިއީ ދަށް ދެ ޓީމެވެ. ނަމަވެސް މި ދެ ޓީމުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް ކުޅޭނެއެވެ.

މި ގްރޫޕުގެ މެޗުތައް ކުޅޭނީ ރޫމޭނިއާގައެވެ. ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޫމޭނިއާގެ ރަސްމީ ފުޓުބޯޅަ ދަނޑު ކަމަށްވާ ނޭޝަނަލް އެރީނާގައެވެ. ރިޕޯޓުތައް ބުނާގޮތުން މި މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ކުޅިބެލުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން 10،000 އަށްވުރެ ގިނަ ސަޕޯޓަރުންނަށް ދަނޑަށް ވަނުމުގެ ފުރުސަތު މި މެޗުގައި ދިނުމަށް ހަމަޖެހިފައިވެއެވެ.

އޮސްޓްރިއާ

ކޯޗު:ފްރެންކޯ ފޯޑާ

ކެޕްޓަން: ހޫލިއަން ބޮމްގާޓްލިންގަރ / ޑޭވިޑް އަލަބާ

ނިކް ނޭމް: ދަ ނެޝަނަލް ޓީމް

ކޮލިފައިވި ގޮތް: ގްރޫޕް ޖީގެ ރަނަރަޕް

ޔޫރޯއިން އެންމެ ރަނގަޅު ނަތީޖާ: ގްރޫޕް ސްޓޭޖް (2008،2016)

ފޯމޭޝަން :1-3-2-4

 

ނޯތް މެސެޑޯނިއާ

ކޯޗު: އިގޯ އަންގެލޮވްސްކީ

ކެޕްޓަން: ގޯރާން ޕަންޑޭވް

ނިކް ނޭމް: ރިޒޯވީ

ކޮލިފައިވި ގޮތް: ޕްލޭއޮފްގައި 2-1 އިން ކޮސޯވޯ ބަލިކޮށްގެން

ޔޫރޯއިން އެންމެ ރަނގަޅު ނަތީޖާ: މިއީ އަލަށް ކޮލިފައިވި ފަހަރު

އާންމުކޮށް ކުޅޭ ފޯމޭޝަން: 3-5-2

 

ހެޑް ޓު ހެޑް

މި ދެ ޓީމު މިހާތަނަށް ކުޅެފައިވަނީ ދެ ފަހަރެއްގެ މަތިންނެވެ. އެއީ 2019 ވަނަ އަހަރު ކުޅެވުނު ޔޫރޯ ކޮލިފައިންގައެވެ. ހޯމް އަވޭ އުސޫލުން ކުޅުނު ދެ ލެގުގެ މެޗުވެސް މޮޅުވެފައިވަނީ އޮސްޓްރިއާ އެވެ. އޭގެކުރިން މި ދެ ޓީމު ކުޅެފައިވާ ކަމަކަށް ނުދައްކައެވެ.

ދެ ޓީމު ކޯޗުންގެ ބަސް

އިގޯ އަންގްލޮވްސްކީ (ނޯތް މެސެޑޯނިއާ)

މިއީ މި މުބާރާތަށް އާ ޓީމެއްކަމުން މިއީ އެ ގައުމުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ބޮޑު މުބާރާތެކެވެ. މުބާރާތަށް ކިތަންމެ އާ ނަމަވެސް ޓީމުގައި ތިބި ކުޅުންތެރިންގެ ފެންވަރުން އެތަން އެހާ ދައްކާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ކޯޗު ބުންޏެވެ. ނޯތް މެސެޑޯނިއާ ގައި ޔޫރަޕުގެ ފުޓުބޯޅައިގެ ތަޖުރިބާހުރި ކުޅުންތެރިން ތިބިކަން ފާހަގަކުރި އެވެ.

އަދި މި ގްރޫޕުން ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އޮސްޓްރިއާ ބަލިކުރެވިދާނެ ކަމަށެވެ. އަދި އެއީ ދަނޑުމަތީގައި ކުޅުންތެރިންގެ ހިތްވަރުން ނެރެވޭނެ އެއްޗެއް ކަމަށްވެސް ފާހަގަކުރި އެވެ.

ފްރެންކޯ ފޯޑާ (އޮސްޓްރިއާ)

އޮސްޓްރިއާގެ ތަޖުރިބާކާރު ކޯޗު ފްރެންކޯ ފޯޑާ ބޭނުންވަނީ މޮޅަކާއެކު މި މުބާރަތުގެ ކެމްޕެއިން ފެށުމަށެވެ. އަލަބާ ފަދަ ތަޖުރިބާކާރު ކުޅުުންތެރިން ޓީމުގައި ފިޓުކޮށް ހުރުމަކީ ކޯޗުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އަދި ޓީމުގައި އެއްވެސް އަނިޔާއެއް ނެތްއިރު ކުޅުންތެރިން ތިބީ މި މެޗަށް ފިޓުކޮށް ކަން ކޯޗު ފާހަގަކުރި އެވެ. އަދި މި ގްރޫޕް ފަހަނައަޅައި ދެވިދާނެ ކަމުގެ އުއްމީދު ބޮޑުކަން ކޯޗު ފާހަގަކުރި އެވެ.

ނޯތް މެސެޑޯނިއާ އާއި އޮސްޓްރިއާ ބައްދަލުކުރާނީ މިރޭ ރާއްޖެގަޑިން 21:00 ގައެވެ.