ދެކުނު އެމެރިކާ ބައްރުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓުބޯޅަ މުބާރާތް ކަމަށްވާ "ކޮޕަ އެމެރިކާ" މިރޭ ފަށާނެއެވެ.

ބްރެޒިލްގައި މި މުބާރާތުގެ މެޗުތައް ކުޅޭއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ބްރެޒިލް އާއި ވެނެޒުއޭލާ އެވެ. މި މެޗު ފަށާނީ ރާއްޖެގަޑިން ދަންވަރު 02:00 ގައެވެ.

މި މުބާރާތުގެ މައިގަނޑު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން ދަންވަރު ގަޑީގައެވެ. ކޮންމެ ދުވަހަކުވެސް ތިނެއް ނުވަތަ ހަތަރު މެޗު މި މުބާރާތުގައި ކުޅޭނެއެވެ.

މިއީ އެންމެ މައްސަލަ ބޮޑުކޮށް ބާއްވަން މަސައްކަތްކުރާ މުބާރާތެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން ނިންމީ އުރުގުއޭ އަދި އާޖެންޓީނާގައެވެ. އެންމެ ފުރަތަމަ އުރުގުއޭ އަތުން މުބާރާތް އަތުލީ އެ ގައުމުގެ މަސްލަހަތު ގޯސްވުމުންނެވެ. ފަހުން އާޖެންޓީނާ އަތުން ހޯސްޓިން ރައިޓްސް އަތުލީ އެ ގައުމުގެ ކޮވިޑު ހާލަތު ގޯސްވުމުންނެވެ.

ފަހުން މުބާރާތް ބާއްވާނެކަން އިއުލާނުކުރީ އެންމެ ފަހުން މި މުބާރާތް ބޭއްވި ގައުމު ކަމަށްވާ ބްރެޒިލްގައެވެ. އެ ގައުމުގައި ވެސް ކޮވިޑުގެ ހާލަތު ގޯސްވެފައިވާ އިރު އެ ގައުމުގައި ބޭއްވުމުގެ ހުއްދަ ލިބުނީ ބްރެޒިލްގެ ރައީސް ހުއްދަ ދިނުމުންނެވެ. ނަމަވެސް މިކަމާއި ބްރެޒިލްގެ ކުޅުންތެރިން ތިބީ ހިތްހަމަނުޖެހިފައެވެ. މުބާރާތް ބްރެޒިލްގައި ބާއްވަން އެ ކުޅުންތެރިން ދެކޮޅު ހެދި ނަމަވެސް މުބާރާތް ބޮއިކޮޓު ނުކުރާނެ ކަމަށް އެ ކުޅުންތެރިން ބުނެއެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ ބްރެޒިލް އާއި ވެނެޒުއޭލާގެ މެޗުން މުބާރާތް ފަށާއިރު މިރޭ ރާއްޖެގަޑިން ފަތިހު 05:00 ގައި ވެސް މެޗެއް ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އަނެއް ދެ ޓީމު ކަމަށްވާ ކޮލަމްބިއާ އާއި އެކުއެޑޯ އެވެ.

މިފަހަރުގެ މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ބްރެޒިލް އާއި ކޮލަމްބިއާ އާއި އެކުއެޑޯ އަދި ވެނެޒުއޭލާގެ އިތުރުން ޕެރޫ އެވެ.

ގްރޫޕް ބީގައި ހިމެނެނީ އާޖެންޓީނާ އާއި ބޮލީވިއާގެ އިތުރުން ޗިލީ އާއި ޕެރަގުއޭ އަދި އުރުގުއޭ އެވެ. މި މުބާރާތް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.