ޔުއެފާ ޔޫރޯގައި ވާދަކުރާ އެންމެ ކުޑަ ގައުމު ކަމަށްވާ ނޯތް މެސެޑޯނިއާ ބަލިކޮށް މުބާރާތުގައި އޮސްޓްރިއާ ކުޅުނު ފުރަތަމަ މެޗުން މޮޅަކާއެކު ފަށައިފިއެވެ.

ރޫމޭނިއާގެ ބުޗަރެސްޓްގެ ނޭޝަނަލް އެރީނާގައި ކުޅުނު މި މެޗު އޮސްޓްރިއާ ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިި މެޗުގެ ބޮޑުބައި ނޯތު މެސެޑޯނިއާ އިން މޮޅަށް ކުޅުނު ނަމަވެސް އެގޮތަށް މާ ގިނައިރަކު ހިފަހައްޓާނުލެވުނެވެ.

މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޔޫރޯގައި އޮސްޓްރިއާ ކާމިޔާބުކުރި ލަނޑުތަކުގެ ޖުމްލަ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ. މި މުބާރާތުގައި ދެން އެޓީމުން ލަނޑުތައް ޖަހާފައިވަނީ 2008 ވަނަ އަހަރުގެ ޔޫރޯ އަދި 2016 ވަނަ އަހަރުގެ ޔޫރޯގައި ކަން ފާހަގަކޮށްލެވެއެވެ. މިއިން ކޮންމެ ފަހަރަކު ޖެހުނީ އެއް ގޯލެވެ .

އޮސްޓްރިއާ އިން މެޗުގައި ލީޑުނެގީ މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ ސްޓެފަން ލެއިނާ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ނޯތް މެސެޑޯނިއާގެ އޭރިއާ ތެރެއިން ލިބުނު ހަނި ދޭތެރެއަކުން ބޯޅަ ފޮނުވާލައިގެންނެވެ. މި ލަނޑު ލެއިނާ ހާއްސަކުރި އެރިކްސަން އަށެވެ.

މި ލަނޑަށްފަހު ވެސް އޮސްޓްރިއާގެ ސެބިތްޒާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ނޯތް މެސެޑޯނިއާގެ ކީޕަރު ޑިމިޓްރެވްސްކީ އެ ބޯޅަ ހުށިޔާރުކަމާއެކު މަތަކުރިއެވެ.

އޮސްޓްރިއާ އިން ލަނޑު ޖެހި ނަމަވެސް ނޯތް މެސެޑޯނިއާ އިން ދުލެއް ނުދެއެވެ. ހާއްސަކޮށް އެޓީމުގެ ތަރި ޕަންޑޭވް ގެ ކުޅުން ފާހަގަކޮށްލެވެއެވެ. މެޗުގެ ނަތީޖާ ނޯތް މެސެޑޯނިއާ އިން ހަމަހަމަކުރީ ވެސް ޕަންޑޭވް ޖެހި ލަނޑުންނެވެ. މި ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނެޓުގައެވެ. މިއީ އޮސްޓްރިއާގެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން ޖެހި ލަނޑެކެވެ. މިއީ ޔޫރޯގައި ޕަންޑޭވް ޖެހި ފުރަތަމަ ލަނޑެވެ. އަދި ޔޫރޯގައި ނޯތް މެސެޑޯނިއާގެ ފުރަތަމަ ލަނޑުވެސްމެއެވެ.

ފުރަތަމަ ހާފު އެއްވަރުވެގެން ނިމުނުއިރު ދެވަނަ ހާފުގައި އޮސްޓްރިއާ އިން ވަރަށް ބޮޑުތަން ކުރިޔަށްޖެހުނެވެ. އެ ޓީމުން އަނެއްކާވެސް ލީޑު ނެގީ 78 ވަނަ މިނެޓުގައެވެ. މިއީ އަލަބާ ނަގައިދިން ހުރަހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގްރަގޮރިޗް ކާމިޔާބުކުރި ލަނޑެކެވެ.

ނޯތް މެސެޑޯނިއާގެ ޑީފެންސްލައިނުން ހެދި ގޯހަކުން އޮސްޓްރިއާގެ ތިންވަނަ ލަނޑު ޖެހީ 89 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ އަރްނައުޓޮވިޗް އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި މިރޭ 00:00 ގައި ބައްދަލުކުރާނީ ނެދަލޭންޑްސް އާއި ޔޫކްރެއިން އެވެ.