ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތާރީހުގައި މެޗެއްގައި ކުޅެން އެރި އެންމެ ހަނގު ކުޅުންތެރިޔާގެ ޝަރަފް އިނގިރޭސި ޓީމުގެ ޖޫޑް ބެލިންހަމް އަށް ލިބިއްޖެއެވެ.

އޭނާއަށް މި ޝަރަފް ލިބުނީ މުބާރާތުގައި އިނގިރޭސީން 1-0 އިން ކްރޮއޭޝިއާ ބަލިކުރި މެޗުގެ ދެވަނަ ހާފުގައި ހެރީ ކޭން ބޭލުމަށްފަހު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުމުންނެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ބެލިންހަމްގެ އުމުރަކީ 17 އަހަރާއި 349 ދުވަހެވެ. މިއާއެކު ބެލިންހަމް ވެފައިވަނީ އިނގިރޭސި ލެޖެންޑް މައިކަލް އޮވެން ހަދާފައިވާ ރެކޯޑެއްވެސް މުގުރާލާފައެވެ. އެއީ ޔޫރަޕުގެ މުބާރާތެއްގައި ގައުމު ތަމްސީލުކުރި އެންމެ ހަނގު ކުޅުންތެރިޔާގެ ޝަރަފް ހޯދައިގެންނެވެ.

މިއާއެކު މިފަހަރުގެ ޔޫރޯގައި ވާދަކުރާ ހުރިހާ ޓީމެއްގެ ކުޅުންތެރިންގެ ތެރެއިން މެޗު ކުޅެން އެރި އެންމެ ހަނގު ކުޅުންތެރިޔާ އެވެ.

އެންމެ ހަނގު ކުޅުންތެރިޔާގެ ރެކޯޑު މީގެކުރިން އޮތީ 2012 ގެ ޔޫރޯގައި ނެދަލޭންޑްސް އަށް ކުޅުނު ޖެޓްރޯ ވިލިއަމްސް އަތުގައެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އިންގްލޭންޑް އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ އަންނަ ހުކުރުދުވަހު އެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި މިމަހުގެ 22 ވަނަ ދުވަހު ބައްދަލުކުރާނީ ޗެކް ރިޕަބްލިކާއެވެ.