ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކް އާއި ފިންލޭންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޑެންމާކްގެ ތަރި ކްރިސްޓިއަން އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއި ގުޅިގެން މެޗު މެދުކަނޑާލުމަށް ފަހު އަލުން ފަށަން އެއްބަސްވުން މޮޔަ ހީވާ ކަމަށް ޑެންމާކް ކޯޗު ބުނެފިއެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް އެރިކްސަން ދަނޑު މައްޗަށް ވެއްޓުމުން އޭނާއަށް ފަރުވާދިނުމަށް ދަނޑުމަތީގައި ގިނަ ވަގުތުތަކެއް ހޭދަވިއެވެ. އޭނާގެ ފުރާނަ ސަލާމަތްވީ ދަނޑުމަތީގައި ދިން އަވަސް ފަރުވާތަކުގެ ސަބަބުންނެވެ.

އޭގެފަހުން ދެ ޓީމާއި މަޝްވަރާކުރުމަށްފަހު ޔުއެފާއިން ނިންމީ މެޑިކަލް އެމަޖެންސީއެއްގެ ގޮތުގައި މެޗު ސަސްޕެންޑުކުރާށެވެ. އެއަށްފަހު ޔުއެފާއިން ދެ ޓީމަށްވެސް ދެ އޮޕްޝަނެއް ހިޔާރުކުރަން ދިނެވެ. އެ އެ ދުވަހު މެޗު ނުނިމި އޮތް ބައި ކުޅޭނީތޯ ނުވަތަ ޖެހިގެން އަންނަ ދުވަހަކަށް މެޗު ފަސްކުރާނީތޯ އެވެ. އެއާއެކު ދެ ޓީމުންވެސް އެއްބަސްވީ މެދުކަނޑާލި ހިސާބުން ފެށިގެން މެޗު ކުރިޔަށްގެންދާށެވެ.

ޑެންމާކްގެ ކޯޗު ކެސްޕާ ހަލްމަންޑް ބުނީ އެ ދުވަހު އެގޮތަށް ނިންމުނު މޮޔަ ހީވާ ކަމަށާއި ހަގީގަތުގައި އެފަދަ ހާލަތެއްގައި ޓީމު އޮތްއިރު މެޗު ކުޅެވިގެން ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"އަހަރެމެން ޓީމުގެ ހުރިހާ ކުޅުންތެރިން ތިބީ ޝޮކެއްގައި، އެއިން އަރައިނުގަނެވި އުޅެނިކޮށް ހަގީގަތުގައި މެޗު ކުޅުނީ، ކުޅުންތެރިންވެސް އެއްބަސްވީ މެޗު ކުޅެން، އެކަމަކު ދަނޑުމަތިން އަހަންނަށް ފަހުން ފެނުުނު ކަންކަމުން އެނގިއްޖެ މިއީ ރަނގަޅު ނިންމުމެއް ނޫންކަން" ކޯޗު ބުންޏެވެ.

މި މެޗު ނިމުނީ 1-0 އިން ޑެންމާކް ބަލިވެގެންނެވެ. މިއީ ފިންލޭންޑުގެ ތާރީހުގައި ޔޫރޯއިން އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި ތާރީހުގައި ޑެންމާކް އަތުން ލިބުނު އެންމެ ފުރަތަމަ މޮޅުވެސްމެއެވެ.

މެޗު ފެށުމާއި ގުޅިގެން އެންމެ ބޮޑަށް ފާޑުކީ ޑެންމާކްގެ ލެޖެންޑް ކީޕަރ ޕީޓާ ޝްމައިކަލް އެވެ. އޭނާ ބުނީ މެޗު އެ ދުވަހު ކުރިޔަށްގެންދަން ނިންމި ނިންމުމަކީ ތާކުން ތާކު ޖެހޭ ކަމެއް ނޫން ކަމަށެވެ.

ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން ހިތަށް ޝޮކުދޭން ކުރި މަސައްކަތާއި ސީޕީއާރުގެ ސަބަބުން އެރިކްސަންގެ ފުރާނަ ސަލާމަތްވިއިރު އޭނާ ހޮސްޕިޓަލަށް ގެންދިޔަ ފަހުން މެޗު އަލުން ފެށުމާއި ދޭތެރޭ އޭނާ ވަނީ ކުޅުންތެރިންނާއި ވާހަަކަދައްކާފައެވެ. އެރިކްސަންގެ ހާލަތު މިހާރު ރަނގަޅު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.