ދަނޑުމައްޗަށް ވެއްޓެން ދިމާވި އަސްލު ސަބަބު އެނގެން ބޭނުންވާ ކަމަށާއި މި ހާލަތުގައި އެހީވި އެންމެންނަށް ޝުކުރު އަދާކުރާ ކަމަށް ޑެންމާކްގެ ތަރި ކްރިސްޓިއަންް އެރިކްސަން ބުނެފިއެވެ.

ޑެންމާކްގެ މެނޭޖަރާއި އެރިކްސަން ދެއްކި ވާހަކަތަކަކާއި ހަވާލާދީ އިޓަލީގެ ނޫސްވެރިޔާ ބުނީ އެރިކްސަންގެ ހާލު މިހާރު ރަނގަޅު ކަމަށާއި ކަންކަން ވެގެންދިޔަ ގޮތް ރަނގަޅަށް ބަލަން ބޭނުން ކަމަށެވެ. އަދި އުއްމީދު ކަނޑާނުލާ ކަމަށްވެސް ބުންޏެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފިންލޭންޑާއި ޑެންމާކް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި އެރިކްސަން ދަނޑުމައްޗަށް ވެއްޓުނީ މެޗުގެ 43 ވަނަ މިނެޓުގައެވެ. އެއާއެކު ޔުއެފާއިން ކުއްލިގޮތަކަށް ދެ ޓީމާއެކު ބައްދަލުވުމެއް ބޭއްވިއެވެ. އެ ބައްދަލުވުމަށްފަހު ޔުއެފާއިން ނިންމީ ހުއްޓާލި ހިސާބުން މެޗު ފެށުމަށެވެ.

އެރިކްސަން ބެލި ޑޮކްޓަރުން ބުނީ އޭނާގެ ހިތް ހުއްޓުނީކަމަށެވެ. އަދި އެރިކްސަން މަރުން ސަލާމަތްވީ ދަނޑުމަތީގައި ދިން އަވަސް ފަރުވާތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންގެ ޓީމުން ބުނެއެވެ. އަދި އެރިކްސަންގެ ހިތުގެ ޓެސްޓުތަކެއް ކުރަމުންދާ ކަމަށްވެސް އެ ޑޮކްޓަރުން ބުނެއެވެ.

އެރިކްސަން ކުއްލިގޮތަކަށް ވެއްޓުމާއެކު ޑެންމާކް ކުޅުންތެރިން ވަނީ އޭނާ ވަށާލާފައެވެ. އަދި އެ ހުރިހާ ކުޅުންތެރިންވެސް ތިބީ ފެންކަޅިވެފައެވެ. ޑެންމާކްގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އެރިކްސަން އަށް ކުރިމަތިވި ކަންތަކާއި ގުޅިގެން ދަނޑަށް ވަދެ ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ތިބީ ބަސް ހުއްޓިފައެވެ. މުޅި ސްޓޭޑިއަމަށް ހިމޭންކަން ވެރިވެގެންދިޔައެވެ.

އެރިކްސަން ގެ ހިތް ހުއްޓިގެން ކުރިމަތިވި "ކާޑިއެކް އެރެސްޓް" އާ ގުޅިގެން އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އައުމަކީ ވަރަށް ދުރު ކަމެކެވެ. އެއީ އާންމުގޮތެއްގައި ހިތުގެ އެކަހަލަ މައްސަލައެއް ދިމާވެއްޖެ ނަމަ ގަވާއިދު އޮންނަ ގޮތުން އަނެއްކާ ކުޅެން ފެށުމުގެ ހުއްދަ ނުދޭނެތީއެވެ. ނަމަވެސް އެރިކްސަންގެ ހިތުގެ އިތުރު މައްސަލައެއް ނެތްކަމަށް ޔަގީންވާ ނަމަ އޭނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އައުމުގެ ފުރުސަތެއް އެބައޮތެވެ.