ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ސްކޮޓްލޭންޑްގެ ސަޕޯޓަރުންގެ ކުރިމަތީގައި ޗެކް ރިޕަބްލިކުން 2-0 އިން އެ ޓީމު ލަދުގަންނުވާލައިފި އެވެ.

މިއީ ސްކޮޓްލޭންޑަށް ތާރީހީ މެޗެކެވެ. އެ ޓީމުން ބޮޑު މުބާރާތަކަށް މި ނުކުތީ 23 އަހަރަށްފަހު އެވެ. ސްކޮޓްލޭންޑްގެ ހަމްޕްޑެން ޕާކުގައި މި މެޗު ކުޅެމުންދިޔަ އިރު ދަނޑުގައި ގަދަޔަށް އިވުނީ ސްކޮޓްލޭންޑް ސަޕޯޓަރުންގެ އަޑެވެ. މުޅި ދަނޑު ވަނީ އެ ޓީމުގެ ސަޕޯޓަރުންގެ އަޑުން ގުގުމާލާފައެވެ.

މި މެޗުގައި ވިދާލީ ޗެކް ރިޕަބްލިކްގެ ޝިކް އެވެ. މި މެޗުގައި އޭނާގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ. އެއާއެކު މި މުބާރާތުގައި އޭނާއަކީ ނުރައްކާކުރާނެ ކުޅުންތެރިއެއް ކަމަށް ބެލެވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސްކޮޓްލޭންޑުން ކުރީކޮޅު ލަނޑެެއް ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ ހާއްސަކޮށް ރޮބަޓްސަން އަދި ޑައިކްސް ގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. ނަމަވެސް ޗެކް ރިޕަބްލިކް ދިޔައީ ލިބޭ ބޯޅަތަކުގައި ސްކޮޓްލޭންޑް ކޮޅަށް ބާރުބޮޑުކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ޗެކް ރިޕަބްލިކް ޓީމުން ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޝިކް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ސްކޮޓްލޭންޑްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ކޮފުލް ނަގައިދިިން ހުރަހެއް ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ސްކޮޓްލޭންޑް ޓީމަށް އެންމެ އުނދަގޫ ބޮޑުކުރި އެއް ކުޅުންތެރިއަކީ ޝިކް އެވެ. މި ހާފު ފެށުނުތަނާ ހެން ޗެކް ރިޕަބްލިކުން ގާތްގާތުގައި ނުރައްކާތެރި ދެ ހަމަލާ އުފައްދާފައިވެއެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސްކޮޓްލޭންޑަށް ޕްރެޝަރުކުރުމުގެ ނަތީޖާއެއްގެ ގޮތުން 52 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ދެވަނަ ލަނޑު ޖެހިއެވެ. ޝިކް މި ލަނޑު ކާމިޔާބުކޮށްފައިވަނީ ދަނޑުގެ މެދަކާ ހިސާބުގައި ހުރެ ސްކޮޓްލޭންޑުގެ ކީޕަރު މާޝަލް ކުރިޔަށް އެރި ދަނޑިވަޅު ބަލައި ގޯލަށް ބޯޅަ މަތިމަތިން އޮއްސާލައިގެންނެވެ.

ކީޕަރު ބޯ މަތިން އެ ބޯޅަ ދިޔައިރު މި ބޯޅަ ގޯލަށް ވަނަނުދޭން ކީޕަރު ވަރަށް މަސައްކަތް ކުރިނަމަވެސް އޭނާއަށް އެ ބޯޅަ އަތެއް ނުވިއެވެ. މިއީ ޔޫރޯގެ ތާރީހުގައި މިހާތަނަށް އެންމެ ދުރުން ކާމިޔާބުކުރި ލަނޑެވެ. އޭނާ މި ލަނޑު ޖެހީ 49.7 ޔާޑު ދުރުންނެވެ.

މި ގްރޫޕުގައި ދެން ހިމެނެނީ އިންގްލޭންޑާއި ކްރޮއޭޝިއާ އެވެ. އިއްޔެ ކުޅުނު މި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ އިންގްލޭންޑެވެ. ސްކޮޓްލޭންޑް އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެެވެ. ބައްދަލުކުރާނީ އިންގްލޭންޑާއެވެ. އަދި ޗެކް ރިޕަބްލިކް ބައްދަލުކުރާނީ ކްރޮއޭޝިއާ އާއެވެ. މި މެޗު ކުޅޭނީ އަންނަ ހުކުރުދުވަހު އެވެ.