ވޯލްޑްކަޕް އަދި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ފިލިޕީންސް އަތުން ބޭނުންވަނީ ސަޕޯޓަރުންނަށްޓަކާ މޮޅަކާއެކު ނިންމާލުމަށް ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.

ކޮލިފައިންގައި ރާއްޖެ މިހާތަނަށް ކުޅުނު ދެ މެޗުން ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. އެގޮތުން މިމަހުގެ ހަތަރެއްގައި ސީރިއާ އަތުން 4-0 އިން ބަލިވިއިރު މިމަހުގެ 11 ގައި ޗައިނާ އަތުން ބަލިވީ 5-0 އިންނެވެ.

ފިލިޕީންސްއާއި ދެކޮޅަށް މާދަމާރޭ ރާއްޖެގަޑިން 20:00 ގައި ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ކޯޗު ބުނީ މި މެޗުތަކާއި ރާއްޖެއިން ކުރިމަތިލީ ބޮޑެތި ގޮންޖެހުންތަކާއި އެކު ކަމަށާއި މެޗުތައް ނިންމާލާއިރު ބޭނުންވަނީ ސަޕޯޓަރުންނަށް އުފަލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ކުޅުންތެރިން ވެސް ތިބީ އެ އަޒުމުގައި ކަމަށް ކޯޗު ބުންޏެވެ.

މި މެޗުތަކަށް ރާއްޖެއިން ނުކުތީ 2023 ގެ އޭޝިއަން ކަޕުން ޖާގައެއް ހޯދުމުގެ އަޒުމުގައެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެއަށް އެ ވަރަށް ޕޮއިންޓް ހޯދިފައި ނެތުމުން ގްރޫޕް ސްޓޭޖުން އެ ފުރުސަތެއް ނެތެވެ. އެއާއެކު ރާއްޖެއަށް ދެން ޖެހޭނީ ކޮލިފައިންގެ އިތުރު ބުރެއް ކުޅޭށެވެ.

މުބާރާތުގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ރާއްޖެ ދެން ކުޅެން ޖެހޭނީ ޕްލޭއޮފް އެވެ. މި މެޗުން މޮޅުވެގެން ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބިގެންދާނެ އެވެ.

ކޮލިފައިންގައި ރާއްޖެ މިހާރު އޮތީ ހަ ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ތިންވަނައިގައި ފިލިޕީންސް އޮތީ 10 ޕޮއިންޓާއެކު އެވެ. މި މެޗުން މޮޅުވި ނަމަވެސް ރާއްޖެއަށް ތިންވަނައެއް ދެން ނުލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަށައްފެނޭ

    މަށައް ފެނޭ..ސަޕޯޓަރުންނަށްޓަކައި ރޭޒަރު ހިފައިގެން ނިކުމެ އިސްތަށިބާލަން.. އާނ.. ދެން ކޮންފަދަ ކަމެއްތަ ބޭކާރު ޙަރަދުކުރަން.. ކުރާޙަރަދާ ފެންވަރު ނުބައްދަލު.. ބޭކާރު ޚަރަދު ނުކޮށް ރަށައްއާދެބަލަ ދެންވެސް ވި ބައްޔާ ލިބުނު ލަދައިގެން އިތުރަށް ފަޟީހަތްނުވެ.. ސީރިޔާ ޓީމުވެސް އެމީހުންގެ ހާލައްބަލާފަ ތިޔައްވުރެން މާ ރަނގަޅު..

    2
    1