ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޕޮލޭންޑް ބަލިކޮށް ސްލޮވާކިއާ އިން މޮޅަކާއެކު މުބާރާތް ފަށައިފިއެވެ.

ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްލޮވާކިއާ ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ސްލޮވާކިއާ ވަނީ ޕޮލޭންޑުގެ ހާފަށް ބާރުބޮޑުކޮށްފަައެވެ. އެގޮތުން މި ހާފުގެ ވަރަށް ކުރީކޮޅު ސްލޮވާކިއާ ވަނީ މެޗުގައި ލީޑު ނަގާފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ސްލޮވާކިއާގެ މި ލަނޑަކީ ޕޮލޭންޑްގެ ކީޕަރު ޝެޒްނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޮބަޓް މަކް މި ހަމަލާ ފޮނުވާލީ ޕޮލެންޑްގެ ދެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެ ވަދެ ފޮނުވާލި ހަމަލާއަކުން ކީޕަރު ޝެޒްނީ އަތުން ޖެހިފައި ވަން ގޯލެކެވެ.

ހީކުރިގޮތާއި ހިލާފަށް މި މެޗުގެ ފުރަތަމަ ހާފުގެ ބޮޑުބައި ރަނގަޅަށް ކުޅުނީ ސްލޮވާކިއާ އެވެ. މި މެޗުގައި ޕޮލޭންޑްގެ ތަރި ލެވަންޑޯސްކީގެ ނުރައްކާ ފެންނާނެކަމަށް ބެލެވުނު ނަމަވެސް އޭނާގެ ފަރާތުން މި މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މެޗުގައި އޭނާއަށް ބޯޅަ ލިބުނީވެސް މަދު ފަހަރެއްގައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މިނެޓެއްގެ ތެރޭގައި ޕޮލޭންޑް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ރީބަސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެރޯލް ލެނެޓީ އެވެ. ޕޮލޭންޑުން މި ހާފު ވަރުގަދަކޮށް ފެށި ނަމަވެސް އެ ވާންކަމުގައި އެ ޓީމަށް ހިފަހައްޓާލެވުނީ މަދު ވަގުތުކޮޅަކަށެވެ.

ދެން މި މެޗުގައި ފާހަގަކުރެވުނު އެއް ކަމަކީ މެޗުގެ 62 ވަނަ މިނެޓުގައި ދެ ރީނދޫ ކާޑާއެކު މި މުބާރާތުގެ ފުރަތަމަ ރަތްކާޑު ފެނުމުންނެވެ. ސްލޮވާކިއާގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި މި ފައުލާއި ގުޅިގެން ކްރީކޯވިއާ އަށް ރެފްރީ ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. އެއާއެކު އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމާއެކު ޕޮލޭންޑް ޕްރެޝަރަށް ވެއްޓުނެވެ.

އެ ޕްރެޝަރުގައި ކުޅެމުން ދަނިކޮށް މި ރަތްކާޑު ދެއްކިތާ ހަތް މިނެޓުފަހުން ސްލޮވާކިއާ ވަނީ މެޗުގައި އަލުން ލީޑު ނަގާފައެވެ. މިއީ ނެގި ކޯނަރަކުން އެ ޓީމުގެ ޑިފެންޑަރު ސްކްރީނިއާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި ލީޑެއްގައި އޮތުމާއެކު މި މެޗުގެ ބާކީ އޮތްބައިގައި ސްލޮވާކިއާ ދިން ދެން މަސައްކަތްކޮށްފައިވަނީ ޑިފެންސަށް ވިސްނައިގެންނެވެ.