ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އާޖެންޓީނާ އާއި ޗިލީ ބައްދަލުކުރި މި ގްރޫޕުގެ ފުރަތަމަ މެޗު އެއްވަރުގެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.

ބްރެޒިލްގެ އެސްޓާޑިއޯ އޮލިމްޕިކޯ ސަންޓޯސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ހާއްސަކޮށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހާފުގައި އާޖެންޓީނާއިން ލަނޑުޖަހަން ތަނަވަސްކުރި ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

އާޖެންޓީނާއިން މެޗުގައި ލީޑުނަގާފައިވަނީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. މިއީ ހިތްގައިމު ފްރީކިކަކުން މެސީ ކާމިޔާބުކުރި ލަނޑެކެވެ. ޕެނަލްޓީ އޭރިއާގެ ބޭރު ރޮނގު ކައިރިން ޑީ އޭރިއާ އާއި ގާތުން ލިބުނު މި ހިލޭޖެހުން މެސީ ފޮނުވާލިއިރު، އެ ބޯޅަ ދިޔައީ ގޯލުގެ ކަނަށެވެ. ޗިލީގެ ތަޖުރިބާކާރު ކީޕަރު ކްލައުޑިއޯ ބްރާވޯ ރަނގަޅު ފަޅިއަށް ޑައިވް ޖެހި ނަމަވެސް މެސީގެ އެ ބޯޅައިގައި އިނގިލިކުރި ޖެއްސޭގޮތެއް ވެސް ނުވިއެވެ.

މި ލަނޑާއެކު މެސީގެ ފުޓުބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި ފްރީކިކް ލަނޑުތަކުގެ އަދަދު ވަނީ 57 އަށް އަރާފައެވެ. މިއާއެކު މެސީ ވެފައިވަނީ މިހާރު ކުޅެމުން އަންނަ ކުޅުންތެރިންތަކުގެ ތެރެއިން ކެރިއަރުގައި އެންމެ ގިނަ ފްރީކިކް ލަނޑު ޖެހި ކުޅުންތެރިއަކަށެވެ. އޭނާއާއި ޖެހިގެން ދެވަނައިގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެސީ ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

މި ލަނޑަށްފަހު ޗިލީން ނަތީޖާ ހަމަހަމަކުރުމަށް ވަރަށް މަސައްކަތްކުރި އެވެ. ނަމަވެސް ފުރަތަމަ ހާފުގައި އެ ޓީމަށް އެކަން ނުވިއެވެ. ދެވަނަ ހާފުގައި ޗިލީން ނަތީޖާ ހަމަހަމަކުރީ މި ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޗިލީ ކުޅުންތެރިއެއް ބޯޅައާއެކު އޭރިއާ ތެރެއަށް ވަދެގަތް ދަނޑިވަޅު އާޖެންޓީނާގެ ޑިފެންސް ލައިނުން ޗިލީގެ އާޓުރޯ ވިޑާލް އަށް ފައުލުކުރުމާއި ގުޅިގެން ވިއޭއާރު ބެލުމަށްފަހު ދިން ޕެނަލްޓީއެކެވެ.

މި ބޯޅަ ވިޑާލް ފޮނުވާލި ނަމަވެސް ކީޕަރު މަތަކުރި އެވެ. ނަމަވެސް ކީޕަރު އަތުގައި ޖެހިފައި ބޯޅަ ކުޅުމުގެ ތެރެއަށް އައި ދަނޑިވަޅު އެޑުއާޑޯ ވާގަސް ވަނީ އެ ބޯޅަ ގޯލަށް ފޮނުވާލާފައެވެ.

މިފަހަރުގެ މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ބްރެޒިލް އާއި ކޮލަމްބިއާ އާއި އެކުއެޑޯ އަދި ވެނެޒުއޭލާގެ އިތުރުން ޕެރޫ އެވެ.

ގްރޫޕް ބީގައި ހިމެނެނީ އާޖެންޓީނާ އާއި ބޮލީވިއާގެ އިތުރުން ޗިލީ އާއި ޕެރަގުއޭ އަދި އުރުގުއޭ އެވެ. މި މުބާރާތް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.