މިހާރު ރަޝިއާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް އެންމެނަށް ފާހަގަ ކުރެވިފައި ވަނީ ކުޑަ ޓީމުތައް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ވޯލްޑް ކަޕެއްގެ ގޮތުގައެވެ. އެހެން ނަމަވެސް މި ވޯލްޑް ކަޕަށް ހާއްސަ އެހެން ކަމެއް ވެސް މިހާރު މިވަނީ ފާހަގަ ވާން ފަށާފައެވެ. އެއީ ބައިކޮޅަށް ގޯލު ޖެހުމެވެ.

ރޭ ރަޝިއާ އާއި މިސްރު ކުޅުމުގެ މެޗުގައި މިސްރުގެ ޑިފެންޑަރު އަހްމަދު ފަތްހީ ރަޝިއާގެ ކުޅުންތެރިއަކު ނެގި ޝޮޓެއް ބޭރުކޮށްލަން އުޅުމުގެ ތެރޭގައި ވަނީ ބޯޅަ އަމިއްލަ ގޯލުގެ ތެރެއަށް ވައްދާފައެވެ. އެއާއެކު މިފަހަރުގެ ވޯލްޑް ކަޕުގައި ފެނިގެން ގޮސްފައިވާ "އޯން ގޯލް" ނުވަތަ ބައިކޮޅަށް ޖެހި ގޯލުތައް މިވަނީ ފަހަކަށް އަރާފައެވެ.

މީގެ ކުރިން ކުޅުނު މެޗުތަކަށް ބަލާއިރު އިއްޔެ ޕޮލެންޑާއި ސެނެގަލް ކުޅުނު މެޗުގައި ޕޮލެންޑުގެ ތިއާގޯ ސިއޮނެކް ވެެސް ވަނީ ބައިކޮޅަށް ގޯލެއް ޖަހާފައެވެ. ނައިޖީރިއާ އާއި ކްރޮއޭޝިއާ ކުޅުނު މެޗުގައި ނައިޖީރިއާގެ އެޓެބޯ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ. ފްރާންސާއި އޮސްޓްރޭލިއާ ކުޅުނު މެޗުގައި ޕޮގްބާ ޖެހި ކަމަށް ކުރިން ހީކުރި ގޯލު މިހާރު ވަނީ އޮސްޓްރޭލިއާގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެއްގެ ގޮތުގައި ރެކޯޑު ކޮށްފައެވެ. އިރާނާއި މޮރޮކޯ ކުޅުނު މެޗުގައި މޮރޮކޯއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް ފަހު ވަގުތު އެޓީމުގެ އަޒީޒް ބޮހަދޫޒް އަތުން ބައިކޮޅަށް ގޯލެއް ވަދެ އެ ޓީމު ވަނީ ބަލިވެފައެވެ.

މިހާތަނަށް މި ވޯލްޑްކަޕުގައި ފަސް އޯން ގޯލް ފެނިފައިވާއިރު މީގެ ކުރިން އެންމެ ގިނަ އޯން ގޯލް ފެނިގެން ދިޔައީ 1998 ގެ ވޯލްޑް ކަޕުގައެވެ. އެފަހަރު ހަ އޯން ގޯލު ފެނިގެން ގޮސްފައި ވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕުގައި 1998 ގެ ވޯލްޑް ކަޕުގެ ރެކޯޑު މުގުރާލާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާމީން

    އިދިކޮޅު ޓީމު ނުޖަހަންޏާ ދެން ޖަހަންޖެހޭނީ ބައިކޮޅަށް ދޮތަ!!!