ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހުގެރޭ ފިންލެންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހާފައި ހުރުމުން ކަމަށް ބައެއް ފަރާތްތަކުން ރިޕޯޓް ކުރާތީ އެކަން ޑެންމާކް އިން ދޮގުކޮށްފިއެވެ.

ޑެންމާކް ޓީމްގެ ޑިރެކްޓަރ މަރޯޓާ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރިކްސަން އަށް ދިމާވި ސިއްހީ މައްސަލަ އާއި ކޮވިޑާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. "އެރިކްސަން އަދި މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައެއް ނުވޭ. އޭނާ އަށް ކޮވިޑް ޖެހިފައެއް ވެސް ނުވޭ. އޭނާއަށް ސިއްހީ މައްސަލައެއް ދިމާވީ ކޮވިޑް ޖެހިފައި ހުރެގެންނެއް ނޫން." މަރޯޓާ ވިދާޅުވިއެވެ.

އެރިކްސަން އަށް އަދިވެސް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ޑެންމާކްގެ ޓީމުން މައުލޫމާތުދޭ ގޮތުގައި އެރިކްސަންގެ ހާލު މިހާރު ރަނގަޅެވެ. ނަމަވެސް ހޮސްޕިޓަލުން އަދި ދޫކޮށްނުލަނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް ޑެންމާކްގެ އޮފިޝަލުން ވިދާޅުވެއެވެ.

ޑެންމާކުގެ ކޮޕެންހާގެންގައި ކުޅުނު މެޗު 0-0 އިން އެއްވަރުވެފައި ވަނިކޮށް މެޗުގެ 43 ވަނަ މިނިޓްގައި އުމުރުން 29 އަހަރުގެ އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ.

ޑެންމާކްގެ ބައެއް ކުޅުންތެރިން ވަނީ އެރިކްސަންއާ ހޮސްޕިޓަލުގައި ބައްދަލުކޮށްފަ އެވެ. އެރިކްސަނާ އެކު އެ ކުޅުންތެރިންގެ އެ ބައްދަލުވުމުގެ ކަންތައް ދިޔައީ ޔުއެފާ އިިން ދިން ހުއްދައެއްގެ ދަށުން ހާއްސަ ޕްރޮޓޮކޯލެއްގެ ތެރެއިންނެވެ.