ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ހަންގޭރީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގެ ދިހަ މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ލަނޑުތަކުން އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

މުބާރާތުގެ އެންމެ ވަރުގަދަ އެއް ގްރޫޕުގެ ގޮތުގައި ފާހަގަވެފައިވާ މި ގްރޫޕުގައި ޕޯޗުގަލްއާއި ދެކޮަޅަށް ކުޅުނު މި މެޗުގައި ހަންގޭރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ޕޯޗުގަލް އެވެ. ބޯޅައާއެކު ކުރިޔަށް އެރި ނަމަވެސް އެ ޓީމަށް ބޯޅަ ނިންމާލެވޭ ގޮތެއް ނުވެ ގިނަ ފުރުސަތުތަކެއް ދިޔައެވެ. މި ހާފުގައި ޕޯޗުގަލްއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޯވާޑް ޑިއޮގޯ ޖޯޓާ އަށެވެ. އޭނާ މި ހާފުގައި ނުރައްކާތެރި ތިން ހަމަލާއެއް އުފެއްދިއެވެ. މީގެތެރެއިން ދެ ބޯޅަ ގޯލާއި އަމާޒުވިއެވެ.

ހަންގޭރީއަށް މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ ކެޕްޓަން އެޑަމް ޒަލާއީއަށެވެ. އޭނާ ފޮނުވާލި މި ހަމަލާ ޕޯޗުގަލްގެ ކީޕަރު ޕެޓްރީޝިއޯ ހުށިޔާރުކަމާއެކު ދިފާއުކުރި އެވެ.

ދެވަނަ ހާފުވެސް ދިޔައީ ގާތްގަނޑަކަށް ފުރަތަމަ ހާފެކޭ އެއްގޮތަށެވެ. ޕޯޗުގަލްގެ ކުޅުން ރަނގަޅުވީ ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ވިލިއަމް ކާވަލިއޯ ގެ ބަދަލުގައި ތަޖުރިބާކާރު މިޑްފީލްޑަރ ރެނާޓޯ ސަންޗޭޒް ކުޅެން އެރި ހިސާބުންނެވެ. އޭނާ ކުޅެން އެރިތާ ތިން މިނެޓުފަހުން ޕޯޗުގަލުން ލީޑު ނެގިއެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ރަފައެލް ގުރޭރޯ މި ލަނޑު ވަނީ ހަންގޭރީގެ ޑިފެންޑަރު އޯބަންގެ ފައިގައި ޖެހިފައެވެ. މި ލަނޑުޖެހުމުގައި ރެނާޓޯ ސަންޗޭޒްގެ ދައުރު ބޮޑެވެ. މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ހަންގޭރީ އަށް ހަމަނޭވާ ނުލެވި އުޅެނިކޮށް ޕޯޗުގަލްއަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ ރަފާ ސިލްވާއަށް ހަންގޭރީގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑިފެންޑަރު އޯބަން ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ރޮނާލްޑޯ އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ. މިއީ އޭނާގެ އިންޑިވިޖުއަލް ހުނަރުވެރި ކުޅުމާއެކު ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެެރިޔާއަށެވެ. އެއީ ޖުމްލަ 11 ލަނޑު ޖަހައިގެންނެވެ.