ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ހަންގޭރީ އާއި ދެކޮޅަށް އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ކުޅެ 3-0 އިން މޮޅުވި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ގިނަ ރެކޯޑުތަކެއް ވަނީ ޤާއިމުކޮށްފައެވެ. މިއީ 30 އަހަރުން މަތިވެފައިވާ ކުޅުންތެރިއަކަށް އާދައިގެ ކަމެއް ނޫނެވެ.

ހަމައެކަނި ޔޫރޯގެ ރެކޯޑުތަކެއް ނޫނެވެ. މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އޭނާ ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ގިނަ ރެކޯޑުތަކެއް އާކޮށްފައެވެ.މީގެތެރޭގައި ދުވަސްވީ ރެކޯޑުތަކެއް ވެސް ހިމެނެއެވެ.

ރޮނާލްޑޯ ވެގެންގޮސްފައިވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. އަދި ޕޯޗުގަލް ގައުމީ ޓީމާއެކު ޔޫރޯގެ ފައިނަލް ބުރުގައި ފަސް ފަހަރު ކުޅެފައިވާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ރޮނާލްޑޯ ވަނީ ހޯދާފައެވެ. މި އަދަދަަށް ޔޫރަޕުގެ އެހެން އެއްވެސް ކުޅުންތެރިއަކަށް ޔޫރޯ ނުކުޅެވެއެވެ.

ޔޫރޯގައި ރޮނާލްޑޯ އެންމެ ފުރަތަަމަ ކުޅެފައިވަނީ 2004 ވަނަ އަހަރުގައެވެ. އޭގެފަހުން ހުރިހާ ޔޫރޯއެއްގައި ވެސް އޭނާ ކުޅެފައިވެއެވެ. 17 އަހަރަށްފަހު މިފަހަރުގެ މުބާރާތުގައި ރޮނާލްޑޯ ކުޅެނީ ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައެވެ.

ހަންގޭރީ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު މި މުބާރާތުގައި އޭނާ ޖެހި ލަނޑުތަކުގެ އަދަދު ވަނީ 11 އަށް އަރާފައެވެ. މި ދެ ލަނޑާއެކު ރޮނާލްޑޯއަށް ވަނީ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ހޯދާފައެވެ.

މީގެއިތުރުން ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމާއެކު ދުނިޔޭގެ ފުޓުބޯޅައިގެ ރެކޯޑުތަކެއްވެސް ގާއިމުކޮށްފައެވެ. އުމުރުން 36 އަހަރާއި 130 ދުވަހުން ރޮނާލްޑޯ ހަންގޭރީއާއި ދެކޮޅަށް ކުޅުނު މި މެޗާއެކު އޭނާ ވެފައިވަނީ ޕޯޗުގަލް ގައުމީ ޓީމަށް ލަނޑުޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގައެވެ. މި ރެކޯޑު ކުރިން އޮތީ 2018 ގެ ވޯލްޑްކަޕުގައި ވާދަކުރި ޕެޕޭގެ އަތުގައެވެ. އޭރު އޭނާގެ އުމުރަކީ 35 އަހަރާއި 124 ދުވަހެވެ

އަދިވެސް ރޮނާލްޑޯގެ ރެކޯޑު ފޮތް ނިމުނީކީ ނޫނެވެ. އޭނާ ވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާއެކު އެއް މެޗެއްގައި ދެ ލަނޑު ކާމިޔާބުކޮށްދިން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މި ރެކޯޑު ކުރިން އޮތީ ޔޫކްރެއިންގެ ލެޖެންޑް އަންދްރޭ ޝެވްޗެންކޯ އަތުގައެވެ. އެއީ އުމުރުން 35 އަހަރާއި 256 ދުވަހު ޖެހި ލަނޑުތަކާއެކު އެވެ.

ޕޯޗުގަލަށްވެސް މިއީ ރެކޯޑު މެޗެކެވެ. މެޗުގެ 84 ވަނަ މިނެޓުގައި ގުރޭރޯ ކާމިޔާބުކުރި ލަނޑާއެކު ޕޯޗުގަލް ވެފައިވަނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ތިން ގޯލު ޖަހައިގެން ޔޫރޯގައި މެޗެއް ކާމިިޔާބުކުރި ފުރަތަމަ ޓީމަށެވެ.

އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑުން ވިދާލި ރޮނާލްޑޯގެ މި ތާރީހީ ރެކޯޑުތަކާއެކު އޭނާގެ ރެކޯޑުތައް އަދިވެސް އޮތީ ކުރިޔަށެވެ. ޔޫރޯގައި 2004 އިން ފެށިގެން މިހާހިސާބަށް ކުޅުނު ހުރިހާ މުބާރާތެއްގައި ވެސް އޭނާގެ ތަފާތު ދިޔައީ ފެންނަމުންނެވެ. ޔޫރޯގައި ތައްޓެއް ހޯދުމަށް އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށްވީ އެންމެފަހުން ބޭއްވި ޔޫރޯ އެވެ.

ޔޫރޯ 2008ގެ މުބާރާތް ޕޯޗުގަލް ނިންމާލީ ކުއާޓާފައިނަލުގައި ޖަރުމަނު އަތުން ބަލިވެގެންނެވެ. އޭގެފަހުން 2012 ވަނަ އަހަރު ބޭއްވި މުބާރާތުގައި ރޮނާލްޑޯގެ އެހީއާއެކު ޕޯޗުގަލް ވަނީ ސެމީފައިނަލާއި ހިސާބަށް ދަތުރުކޮށްފައެވެ. ފަހަރަކަށް ފަހު ފަހަރެއް ޕޯޗުގަލް ދިޔައީ ތައްޓާއި ގާތްވަމުންނެވެ. އެގޮތުން 2012 ވަނަ އަހަރު ބޭއްވި މުބާރާތުގެ ސެމީފައިނަލުން މިފަހަރުވެސް ޕޯޗުގަލް ވަކިވާން ޖެހުނެވެ. އެއީ އެފަހުގެ ދުނިޔޭގެ ޗެމްޕިއަން އަދި ޔޫރޯ ޗެމްޕިއަންކަން ހޯދި ސްޕެއިން އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.

ހުރިހާ ގޮންޖެހުންތަކަށް ފަހު ޕޯޗުގަލް އިން ތަށި އުފުލާލީ 2016 ވަނަ އަހަރުގައެވެ. ގްރޫޕްސްޓޭޖުގެ ތިން މެޗު އެއްވަރުކޮށް ފައިނަލާއި ހިސާބަށް ދަތުރުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ފައިނަލުގައި ރޮނާލްޑޯ ވަނީ އަނިޔާއާއި ގުޅިގެން ބާލުވާފައެވެ. ފައިނަލުން ޕޯޗުގަލް މޮޅުވީ އިތުރުވަގުތުގައި އެޑާ ކާމިޔާބުކުރި ލަނޑުންނެވެ.

ރޮނާލްޑޯ އަދިވެސް ގިނަ ރެކޯޑުތަކެއް މުގުރާލާނެކަމަށް ބެލެވެއެވެ. ދުނިޔޭގެ ފުޓުބޯޅައިގެ ތާރީހުގައި މިހާތަނަށް ފެނިގެންދާ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާގެ ލަގަބު ހޯދުމަށް ދެން މާގިނަ ރެކޯޑުތަކެއް ނެތެވެ. އޭނާއަކީ މިހާރުވެސް ދުނިޔޭގެ ފުޓުބޯޅައިގައި މިހާރު ކުޅެމުން އަންނަ ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ގިނަ ލަނޑު ޖަހައިގެން އެއްވަނައިގައި އޮތް ކުޅުންތެރިޔާ އެވެ.

ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ވަނީ މިހާތަނަށް ކުޅުނު 176 މެޗުގައި 106 ލަނޑު ކާމިޔާބުކޮށްފައެވެ. އެއާއެކު ދުނިޔޭގެ ފުޓުބޯޅަ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އީރާންގެ އަލީ ދާއީ ހަދާފައިވާ ރެކޯޑު މުގުރާލުމަށް ރޮނާލްޑޯއަށް މިހާރު ބޭނުުންވަނީ އެންމެ ތިން ލަނޑެވެ.

ޔުވެންޓަސްގައި މިހާރު ކުޅެމުން އަންނަ ކުޅުންތެރިޔާ ފުޓުބޯޅައިން ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނުގެންގުޅެއެވެ. އޭނާގެ އަޒުމަކީ އަދިވެސް ގިނަ ރެކޯޑުތަކެއް ހެދުމެވެ. އަދި ދުނިޔޭގެ ރެކޯޑު ފޮތްތަކުން ޖާގަ ހޯދުމެވެ. އަދި ކުލަބު ފުޓުބޯޅައިގައި އިތުރު ރެކޯޑުތަކެއް ގާއިމުކުރުމެވެ. މިހާތަނަށް ރެކޯޑުތަކުން ބަލާއިރު ރޮނާލްޑޯ އަކީ ފަސޭހައިން އަތުވާނެ ކުޅުންްތެރިއެއް ނޫނެވެ. އަދިވެސް ދަނޑުމަތީގައި އެހާ މަސައްކަތު ރޭޓު މަތި ކުޅުންތެރިން މަދެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    30 އަހަރުން މަތިވީމަ އަދި އެވަނީ ޖުވާނުންނަށޭ ދެން ކީއްވެތަ ނުކުޅެވެންވީ.

    8
    2
  2. Anonymous

    29 އަހަރުގަ ދަނޑައްވެސް އެރުން މަނާކޮއްފަ މިހުރީ ހުއްދަޔައް އެދި އާދޭސް ކުރުމުންވެސް ނުލިބުން ހުއްދައެއް.

    4
    3
  3. މަޒް

    އެއްބަޔަކު ބުނާ މޮޅު މެސީވެސް ކުޅުން ހުއްޓާލަން ކައިރިވީ.. ރޮނާލްޑޯގެ ރެކޯޑްތައް މުގުރުމުގެ ހިތްވަރު އޭނާގެ ނެތް.. ދެން މިހެން ބުނާއިރަށް ބާކާ ބޯއިސް ބުނާނެ 6 ބެލެންޑިއޯއޭ.. އެއީ

  4. ނިޒާރު

    އީރާނުގެ ޢަލީ ދާއީ ގިނަގޯލު ޖަހާ ރެކޯޑުހެ ދީ ދިވެހިރާއްޖެ ކޮޅަށް ޖެހިލަނޑުތަކަކުން