ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގެ އެންމެ ފޯރިގަދަ އެއް މެޗު ކަމަށްވާ ފްރާންސްއާއި ޖަރުމަނުގެ ކުރިމަތިލުން 1-0 ގެ ނަތީޖާއަކުން އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ކަމަށްވާ ފްރާންސް ކާމިިޔާބުކޮށްފިއެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ވާދަވެރި ކުޅުމެކެވެ. މި ހާފުގެ ކުރީކޮޅު ފްރާންސް އިން އެންމެ ނުރައްކާކުރީ ކީލިއަމް އެމްބާޕޭ އެވެ. އޭނާ ފޮނުވާލި ބާރު ހަމަލާއެއް ޖަރުމަނުގެ ކީޕަރު ނޯޔާ ދިފާއުކުރިއެވެ.

ޖަރުމަނު ކޮޅަށް ފްރާންސް ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއަށް ހެނާންޑޭޒް ހުރަސްކޮށްލި ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރ މެޓް ހަމެލްސް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މި ލަނޑަށްފަހު ވެސް ފްރާންސަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އަދި ޖަރުމަނުގެ ކުޅުންތެރިން ވެސް ނަތީޖާ ހަމަހަމަކުރަން މި ހާފުގައި ގިނަ މަސައްކަތްތަކެއް ކުރިއެވެ. މި ހާފުގައި ޖަރުމަނުން ގޯލުޖަހަން ކިރިޔާވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ތޯމަސް މުލާ އާއި ޓޯނީ ކްރޫސް އެވެ. މި ދެ ކުޅުންތެރިންނަށް ލިބުުނު ފުރުސަތުވެސް ގޯލާއި ސީދާކޮށް ފޮނުވާލެވޭ ގޮތް ނުވިއެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ފްރާންސްގެ ކަރިމް ބެންޒެމާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒުނުވިއެވެ.

ދެވަނަ ހާފު ފަށައިގެން ފްރާންސް ދިޔައީ ނުރައްކާކުރަމުންނެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި އެމްބާޕޭގެ ދިން ބޯޅައަކުން އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭރު ގްރިޒްމަން ހުރީ ބޯޅައަށް ތައްޔާރުވެގެން އޭރިއާ ތެރޭގައެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ފްރާންސްގެ އެމްބާޕޭ ލަނޑެއް ޖެހިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއްގެ ގޮތުގައެވެ. އެއީ ލަނޑު ޖަހަން ބޯޅަ ލިބުނުއިރު އެމްބާޕޭ އޮފްސައިޑުގައި ހުރުމުންނެވެ.

އޭގެފަހުން 85 ވަނަ މިނެޓުގައި ވެސް ބެންޒެމާ ވެސް ލަނޑެއް ޖަހާފައިވެއެވެ. ކައުންޓާ އެޓޭކެއްގައި އެމްބާޕޭ ތަނަވަސްކުރި ބޯޅާއަކުން ބެންޒެމާ މި ލަނޑު ޖެހިނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެމްބާޕޭ އެ ބޯޅަ ބެންޒެމާއަށް ދިނުމުގެ ކުރިން އޭނާ އޮފްސައިޑުގައި ވާކަމަށެވެ.