ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ތުރުކީ ބަލިކޮށް ވޭލްސް އިން މުބާރާތުގެ ދެވަނަބުރާއި ގާތަށް ޖެހިލައިފިއެވެ.

އަޒެރްބައިޖާނުގެ ބާކޫގައި ކުޅުނު މި މެޗުން ވޭލްސް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި ގްރޫޕުގައި ވޭލްސް ކުޅުނު ފުރަތަމަ މެޗުގައި ސްވިޒަލޭންޑާއި ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މޮޅާއެކު ވޭލްސް ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އެވެ. ދެވަނައިގައި އިޓަލީ އޮތީ ތުރުކީ ބަލިކޮށްގެން ލިބުނު ތިން ޕޮއިންޓާއެކު އެވެ. ތުރުކީ އޮތީ ތާވަލުގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. މިއާއެކު މުބާރާތުން އެ ޓީމު ދެވަނަބުރަށް ދިއުމުގެ އަމިއްލަ ބާރު ވަނީ ގެއްލިފައެވެ.

މެޗު ފަށައިގެން ވެސް ނުރައްކާކުރީ ވޭލްސް އެވެ. ހާއްސަކޮށް ކުރީކޮޅު އާރޮން ރަމްސޭ އަަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. މި ހާފުގައި ބޭލް އަދި ރަމްސޭގެ ކޮމްބިނޭޝަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެ ހަމަލާތަށް ބޭކާރުވިއެވެ. މީގެއިތުރުން ތުރުކީގެ ބުރަކް އަށްވެސް ލީޑުނަގާނެ ފުރުސަތެއް ލިބިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ވޭލްސް ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ.

މެޗުގެ 42 ވަނަ މިނެޓުގައި ރަމްސޭ މި ލަނޑު ކާމިޔާބުކުރިއިރު، މިއީ ބޭލްއާއި ރަމްސޭ ގުޅިގެން އުފެއްދި ނުރައްކާތެރި ހަމަލާއަކުން ކާމިިޔާބުވި ލަނޑެކެވެ. ޕެނަލްޓީ އޭރިއާތެރެއަށް ބޭލް ލައިދިން ރީތި ބޯޅާއަކުން ރަމްސޭ މި ލަނޑު ކާމިޔާބުކުރީ ތުރުކީގެ ގޯލުގެ ކަނަށް އަމާޒުކޮށްގެންނެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ނަތީޖާ ފުޅާކޮށްލަން ވޭލްސް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު މި ޕެނަލްޓީއަކީ އޭރިއާ ތެރެއިން ބޭލްއަށް ރޮނގުމަތި ކައިރިން ތުރުކީގެ ޗެލިކް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީން ކާމިޔާބުކުރި ލަނޑެކެވެ. ބޭލް މި ޕެނަލްޓީ ފޮނުވާލި ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލަށްވުރެ މާ މަތިންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށް ހިނގި ހަމަނުޖެހުމެއްގައި ތިން ކުޅުންތެރިއަކަށް ރީނދޫ ކާޑެއް ދައްކާފައިވެއެވެ. ކާޑު ދައްކާފައިވަނީ ވޭލްސްގެ ބެން ޑެވީސް އާޢި މެޕަން އަދި ތުރުކީގެ ކެޕްޓަން ޔިލްމާޒް އެވެ.

ތުރުކީން ހަމަނޭވާ ނުލެވި އުޅެނިކޮށް ވޭލްސް އިން ތުރުކީގެ އުއްމީދުތައް ފެނަށް ދުއްވާލީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ. މި ލަނޑު ކާމިޔާބުކުރީ ރޮބާޓްސް އެވެ.

ގްރޫޕުގައި ވޭލްސް ކުޅޭ ފަހު މެޗުގައި ނުކުންނާނީ އިޓަލީއާއި ދެކޮޅަށެވެ. ދެ މެޗުން ބަލިވެފައިވާ ތުރުކީ ކުޅޭނީ ސްވިޒަލޭންޑާއި އެވެ.