ސޯޅަ އަހަރަށްފަހު ސްޕެއިންގެ ގަަދަބާރު ރެއާލް މެެޑްރިޑް ދޫކޮށްލަން އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޮސް ނިންމައިފިއެވެ.

ރެއާލްގެ ކާމިޔާބު ކެޕްޓަން އެ ކުލަބު ދޫކޮށްލަން ނިންމިކަން ދާދި ދެންމެއަކު ހާމަކުރީ އެ ކުލަބުންނެވެ. މިކަން އިއުލާނުކޮށް ރެއާލް މެޑްރިޑުން ބުނީ ރާމޯސްގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ހާއްސަ ވަދާއީ އިވެންޓެއް ބާއްވާނެ ކަމަށެވެ.

ޓީމުގެ ފަހަތް ބެލެެހެއްްޓުމުގައި ކާމިޔާބުތަކެއް ހޯދާފައިވާ ކެޕްޓަން ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި ޖޫން ނިމޭއިރަށެވެ. މީގެކުރިން ރާމޮސް އާއެކު ރެއާލް ހަދާފައިވާ އެއްބަސްވުން އާކުރަން އުޅޭކަމުގެ ވާހަކަތަކެއް ފެތުރުނެވެ. އެއީ މިހާރު ރާމޯސް އަށް ލިބޭ މުސާރައިގެ ބައެއް އުނިކުރުމަށްފަހު ހުށައެޅި އޮފާއެކެވެ. މި ނިންމުމާއެކު ހާމަވީ ރާމޯސް މި އޮފާއަށް އެއްބަސްނުވި ކަމެވެ.

އުމުރުން 35 އަހަރުގެ ޑިފެންޑަރުގެ އަގުވަޒަންކޮށް ބުރާސްފަތިދުވަހު ބާއްވާ ހާއްސަ އިވެންޓުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ބައިވެރިވާނެކަމަށް ރެއާލުން މައުލޫމާތުދެއެވެ.

ސެވިއްޔާ އިން 2005 ވަނަ އަހަރު ރެއާލް އާއި ގުޅުނު ރާމޯސް ވަނީ އެ ކުލަބަށް 670 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. މި މުއްދަތުގައި އޭނާ ވަނީ އެ ކުލަބަށް ފަސް ލަލީގާ، ހަތަރު ޗެމްޕިއަންސް ލީގު ހޯދައިދީފައެވެ.

މި ނިމުނު ސީޒަނުގައި ރާމޮސް ފެނުނީ ރެއާލް ކުޅުނު އެންމެ 21 މެޗުންނެވެ. ތާވަލުގެ ދެވަނައިގައި ރެއާލް ސީޒަން ނިންމާލިއިރު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް އެ ކުލަބު ވަނީ ވާސިލްވެފައެވެ. މި ނިމުނު ސީޒަނުގެ ބޮޑުބައި ރާމޯސް ހޭދަކުރަން ޖެހުނީ އަނިޔާއާއި ގުޅިގެން ދަނޑުން ބޭރުގައި އިތުރު ފަރުވާ ހޯދުމަށެވެ.

މިހާރު ކުރިޔަށްދާ ޔޫރޯގެ ސްކޮޑުގައި ވެސް ރާމޯސް ނުހިމެނެއެވެ. އެއާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވެއެވެ.