ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުން މޮރޮކޯގެ މައްޗަށް 0-1 އިން ކުރި ހޯދައި ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ފުރުސަތު ޕޯޗުގަލް އިން ބޮޑުކޮށްފިއެވެ.

މިރޭގެ މޮޅާއެކު ޕޯޗުގަލް މިހާރު އޮތީ ގްރޫޕް ބީގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޕޯޗުގަލް އަށް ވުރެ އެއް މެޗު މަދުންކުޅެ ތިން ޕޮއިންޓާއެކު އީރާން އޮތްއިރު މި ގްރޫޕްގެ ތިންވަނައިގައި އެއް ޕޮއިންޓާއެކު އޮތީ ސްޕެއިންއެވެ. ގްރޫޕްގެ ފުލުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އޮތީ މޮރޮކޯއެވެ. އެޓީމު މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.

މި ގްރޫޕްގައި މިރޭ އީރާން އާއި ސްޕެއިން ބައްދަލުކުރާނެއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ލީޑު ނަގާދީފައެވެ. މި ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްދިނީ މޮރޮކޯގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. މިއީ މިފަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ ކާމިޔާބުކުރި ހަތަރުވަނަ ގޯލެވެ.

ޕޯޗުގަލްގެ ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މި ގޯލާއެކު ރޮނާލްޑޯ ވަނީ ޔޫރަޕްގެ ކުޅުންތެރިއަކު ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީގެން ހަދާފައިވާ ރެކޯޑު ވެސް މުގުރާލާފައެވެ. މި ރެކޯޑު މީގެކުރިން އޮތީ ހަންގޭރީގެ ކުރީގެ ފުޓްބޯޅަ ތަރި ފެރެންކް ޕުސްކާސްގެ އަތުގައެވެ. އޭނާ މި ރެކޯޑު ހެދީ ހަންގޭރީގެ ގައުމީ ޓީމަށް 84 ގޯލު ކާމިޔާބުކޮށްދީގެންނެވެ. ރޮނާލްޑޯ މިއަދުގެ މެޗުގައި ކާމިޔާބުކުރި ގޯލާއެކު ޕޯޗުގަލްގެ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ގޯލުގެ އަދަދު ވަނީ 85 އަށް އަރާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕޯޗުގަލްގެ ލީޑު ފުޅާކޮށްލަން އެޓީމުގެ ގުއެޑޭސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ މޮރޮކޯގެ ކީޕަރު މުނީރް ވަނީ ދިފާއުކޮށްފައެވެ.

ލީޑު ފުޅާކޮށްލަން ޕޯޗުގަލް އަށް ފުރުސަތުތަކެއް ލިބުނުއިރު ނަތީޖާ އެއްވަރުކޮށްލަން މޮރޮކޯ އަށް ވެސް ވަނީ ގިނަ ފުރުސަތުތަކެއް މި މެޗުގައި ލިބިގެން ގޮސްފައެވެ. އެގޮތުން މޮރޮކޯ ޓީމުގެ ބެލްހަންޑާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީސިއޯ ދިފާއުކުރިއިރު މޮރޮކޯގެ ކެޕްޓަން މެހްދީ ބެނާޓިޔާ އަށް ވަނީ ރަނގަޅު ހަތަރު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މިރޭގެ މެޗުން ޕޯޗުގަލް މޮޅުވިއިރު 2002 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގައި ޔޫރަޕަށް ނިސްބަތްނުވާ ޓީމެއްގެ އަތުން ޕޯޗުގަލް ބަލިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެޓީމު އެންމެފަހުން ވޯލްޑް ކަޕެއްގައި ޔޫރަޕަށް ނިސްބަތްނުވާ ޓީމެއްގެ އަތުން ބަލިވީ ދެކުނު ކޮރެޔާ އަތުންނެވެ. އަނެއްކޮޅުން މިއީ ވޯލްޑް ކަޕްގައި މޮރޮކޯއިން ކުޅުނު ނުވަ މެޗުގެ ތެރެއިން އެޓީމު ބަލިވި ހަތްވަނަ މެޗުވެސް މެއެވެ.

ދެވަނަ ބުރުގެ ފުރުސަތު ޕޯޗުގަލް އިން ބޮޑުކޮށްފައިވާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމު ނިކުންނާނީ އީރާންއާ ދެކޮޅަށެވެ. މޮރޮކޯ ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.