ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ނޯތު މެސެޑޯނިއާގެ ބަލިކޮށް މުބާރާތުގައި ޔޫކްރެއިންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މެޗު ޔޫކްރެއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ދެ ޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުތަކުން ބަލިވެފައެވެ. އެގޮތުން ޔޫކްރޭން ކުޅުނު ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުން 3-2 ގެ ނަތީޖާއަކުން ބަލިވިއިރު، އޮސްޓްރިއާ އަތުން ނޯތު މެސެޑޯނިއާ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ޔުކްރޭން އޮތީ ގްރޫޕުގެ ތިންވަނައިގަ ތިން ޕޮއިންޓާއެކު އެވެ. އޮސްޓްރިއާ އާއި ނެދަލޭންޑްސް އަށްވެސް ހަމަ މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ނޯތް މެސެޑޯނިއާ އޮތީ ތާވަލުގެ ފުލުގައި ޕޮއިންޓެއް ނުލިބިއެވެ.

މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނީ ޔޫކްރެއިން އެވެ. މި ހާފުގައި ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ހާއްސަކޮށް ޔާމެލެންކޯ އާއި ޔަރަމްޗުކް އަށް ލިބިގެންދިޔަ ނުރައްކާތެރި ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ފުލުފުލުގައި ޔޫކްރެއިން އިން އިދިކޮޅު ޓީމަށް ނުރައްކާކުރަމުން ދަނިކޮށް މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުން ލީޑުނެގިއެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ޔާމެލެންކޯ ޖެހި ލަނޑެކެވެ. މި ބޯޅަ ގޯލުގެތެރެއަށް ފޮނުވާލިއިރު އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މި ލަނޑު ޖެހިތާ ފަސް މިނެޓެއްހާ ފަހުން ޔޫކްރެއިން އިން ލީޑު ފުޅާކުރި އެވެ. މި ލަނޑަކީ ޔާމެލެންކޯ ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ޔަރެމްޗުކް ކާމިޔާބުކޮށްދިން ހިތްގައިމު ރީތި ބޯޅައެކެވެ. މި ލަނޑު އޭނާ ޖެހީ ޕެނަލްޓީ އޭރިއާތެރެއިންނެވެ.

ޔޫކްރެއިން އިން މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވެ ނޯތް މެސެޑޯނިއާގެ ކެޕްޓަން ޕަންޑޭވް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޔޫކްރެއިންގެ ކީޕަރު ބުޝްޗާންގެ ބޯމަތިން ޕަންޑޭވް އެ ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑު މަގާމެއްގައި ކަމަށް ރެފްރީ ނިންމިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ގޯލުގެ ލީޑަކާއެކު ޔުކްރެއިން އޮވެގެންނެވެ.

ދެވަނަ ހާފާއި ނޯތް މެސެޑޯނިއާ ކުރިމަތިލީ ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށެވެ. ޔޫކްރެއިންގެ ހާފަށް ބާރުބޮޑުކުރަމުން ދިޔަ ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ނޯތް މެސެޑޯނިއާ އަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. މިއީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ޔޫކްރޭން ކީޕަރު ދިފާއުކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ރީބައުންސްވެގެން އައި ބޯޅަ ހޯދުމަށް ޕަންޑޭވް އުޅުމުގެ ތެރޭގައި އޭނާއަށް ކަރަވައޭވް ފައުލްކުރުމުން ލިބުނު ޕެނަލްޓީއެކެވެ.

ނޯތް މެސެޑޯނިއާ އިން މި ޕެނަލްޓީ ޔޫކްރެއިންގެ ކީޕަރު ބުޝްޗާން ދިފާއުކުރި ނަމަވެސް ކީޕަރުކުރި ނަމަވެސް މި ލަނޑު އޭނާ ކާމިޔާބުކުރީ ރީބައުންސްގައި ލިބުނު ބޯޅައިންނެވެ.

ލީޑު ފުޅާކުރުމަށް ޔޫކްރެއިނަށް ޕެނަލްޓިއެއް ލިބުނެވެ. މިއީ ނޯތް މެސެޑޯނިއާގެ އަލިއޮސްކޯ އަތުގައި ބޯޅަޖެހުނު ކަމަށް ނިންމާ ރެފްރީ ދިން ޕެނަލްޓީއެކެވެ.

ވީއޭއާރް ބަލައި ނޯތު މެސަޑޯނިއާގެ އަލިއޯސްކޯ އަތުގައި ޖެހުނު ކަމަށް ބަލައި ރެފްރީ ވަނީ ޔޫކްރެއިނަށް ޕެނެލްޓީއެއް ދީފައެވެ. ނަމަވެސް މި ޕެނަލްޓީ ނޯތް މެސެޑޯނިއާގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.