ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ފަހަތުން އަރާ ކާމިޔާބުކުރި ދެ ލަނޑާއެކު ޑެންމާކް ބަލިކޮށް މުބާރާތުގެ ދެވަނަބުރުގެ ޖާގައެއް ބެލްޖިއަމް ހޯދައިފިއެވެ.

ޑެންމާކްގެ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބެލްޖިއަމް ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ލީޑުގައި އޮތީ ޑެންމާކެވެ. މެޗުން ބެލްޖިއަމް މޮޅުވީ ދެވަނަ ހާފުގައި ޖެހި ދެ ގޯލާއެކު އެވެ.

މި މޮޅާއެކު ބެލްޖިއަމް ދެވަނަބުރުގެ ޖާގައެއް ކަށަވަރުކުރީ މިހާތަނަށް އެ ޓީމު ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ވާ ރަޝިޔާ އަދި ތިންވަނައިގައި ވާ ފިންލޭންޑް އޮތީ ތިން ޕޮއިންޓާއެކު އެވެ. ރަޝިޔާ ދެވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ފުލުގައި ޑެންމާކް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ.

މެޗު ފަށައިގެންވެސް ތަފާތު ކަންތައްތަކެއް ދަނޑުމަތީގައި ހިނގިއެވެ. އެގޮތުން ބެލްޖިއަމް ކުޅުންތެރިން ވަނީ ޖާރޒީގައި ޓީމުގެ ހުރިހާ ކުޅުންތެރިންގެ ސޮޔާއެކު އެރިކްސަން އާއެކު ތިބިކަން ހާމަކޮށް ޖާރޒީއެއް ފްރޭމެއްގެ ތެރެއަށް ލާ ހަވާލުކޮށްފައެވެ.

ބެލްޖިއަމް އަށް މެޗު ފަށައިގެން ހަމަނޭވާ ނުލެވި އުޅެނިކޮށް ޑެންމާކް ވަނީ މި މެޗުގައި ލީޑު ނަގާފައެވެ. މެޗު ފަށައިގެން ޑެންމާކް ޓީމުން ކުރި ޕްރެޝަރުގެ ނަތީޖާއެއްގެ ގޮތުން ބެލްޖިއަމްގެ ޑިފެންސްލައިން ހަމަނުޖެހި އުޅެނިކޮށް ލިބުނު ބޯޅަ ހޯދައިގެން މި ލަނޑު ކާމިޔާބުކުރީ ޕޮލްސަން އެވެ. މިއީ ޔޫރޯގެ ތާރީހުގައި ދެވަނައަށް އެންމެ އަވަސް ލަނޑެވެ. މި ލަނޑު ޖަހާފައިވަނީ 1 މިނެޓާއި 39 ސިކުންތުންނެވެ.

މި ލަނޑަށްފަހު ވެސް ޖުމްލަކޮށް ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ޑެންމާކް އެވެ. މި މެޗުގެ 10 ވަަނަ މިނެޓުގެ ކުޅުމާއެކު މެޗުގެ ކުޅުން މެދުކަނޑާލިއެވެ. އެއީ ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން ގެ ޖާރޒީ ނަމްބަރު 10 އަށް ހާއްސަކޮށް މެޗުގެ ތެރޭގައި ގެނައި ހާއްސަ ސުކޫތެކެވެ. މީގައި ދެ ޓީމުގެ ކުޅުންތެރިންވެސް ބައިވެރިވިއެވެ.

ދެވަނަ ހާފުގައި ބެލްޖިއަމް ފެނުނީ ބަދަލުތަކާއެކު އެވެ. މާޓެންސްގެ ބަދަލުގައި ނުރައްކާތެރި ކުޅުންތެރިޔާ ކެވިން ޑިބްރައިނާ ކުޅެން އެރިއިރު ކެޕްޓަން އިޑެން ހަޒާޑްވެސް ކުޅެން އެރިއެވެ. އެއާއެކު ބެލްޖިއަމްގެ ކުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް އައެވެ. އަދި ފޯވާޑް ލައިނުން އުފައްދާ ހަމަލާތައްވެސް ނުރައްކާވިއެވެ.

ބެލްޖިއަމުން ކުރި ޕްރެޝަރާއެކު އެ ޓީމުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 54 ވަނަ މިނެޓުގައެވެ. ކެވިން ޑިބްރައިނާ އަށް ލިބުުނު ބޯޅަ އޭނާއަށް ގޯލަށް ޖަހަން ފުރުސަތު ލިބުނު ނަމަވެސް އޭނާ އެ ބޯޅަ ދިނީ އޭރިއާ ތެރެއަށް ހުސްވެ ހުރި ތޯގަން ހަޒާޑް އާއެވެ. އޭނާ ގޯލުގެ ތެރެއަށް އެ ބޯޅަ ފޮނުވާލީ ހަމަޖެހިލައިގެންނެވެ.

ބެލްޖިއަމުން މި ހާފުގެ ކުރީކޮޅު ނުރައްކާކުރި އިރު އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި ކެވިން ޑިބްރައިނާ އެވެ.

މި ލަނޑަށްފަހު ނަތީޖާ ހަމަހަމަކުރަން ޑެންމާކަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ވަކިން ހާއްސަކޮށް ޑެންމާކްގެ ފޯވާޑް މާޓިން ބްރައިތްވެއިޓް އަށް ލިބުނު ގިނަ ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ގިނަ ބޯޅަތައް ދިޔައީ ވަރަށް ނުރައްކާކޮށެވެ. އެއް ބޯޅަ ގޯލުގެ ދަނޑީގައިވެސް ޖެހުނެވެ.