ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމަށް ގެނައުމަށް އިޓަލީގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ގެނާރޯ ގަޓޫސޯ އާއި ވާހަކަދެކެވެމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

މީގެކުރިން ޓޮޓެންހަމްގެ ކޯޗުކަމަށް ގެންނަން މަސައްކަތްކުރީ ޕޯޗުގަލްގެ ޕައޮލޯ ފޮންސެކާ އެވެ. ރިޕޯޓުތައް ބުނާގޮތުން މި ހަފުތާގެ ތެރޭގައި ކޯޗާއި ކުލަބާއި ދެމެދު އެއްބަސްވުމަކަށް އައެވެ. ނަމަވެސް ގަޓޫސޯ ހުސްކޮށް ހުރުމާއެކު ޓޮޓެންހަމް އިން އޭނާއަށް ޝައުގުވެރިވިއެވެ.. އެއާއެކު ޓޮޓެންހަމް އިން ދެން ވާހަކަދައްކަން ފެށީ ގަޓޫސޯ އާއި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރުޅިގަދަ މީހެއްގެ ގޮތުގައި މީހުން ސިފަކުރާ އުމުރުން 43 އަހަރުގެ ގަޓޫސޯ ވަނީ މިދިޔަ މެއި 25 ގައި އިޓަލީގެ ފިއޮރެންޓީނާގެ ކޯޗަކަށް ހަމަޖައްސާފައެވެ. ނަމަވެސް އެ މަގާމުގައި ގަޓޫސޯ އަށް ހަރުލައިގެން ހުރެވުނީ ތިން ހަފުތާ ވަންދެނެވެ. ކުލަބާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުމެއްގައި ގަޓޫސޯ އެ މަގާމު ދޫކޮށްލިއެވެ.

މީޑީއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގަޓޫސޯގެ އެޖެންޓް ޖޯޖް މެންޑެސް ވަނީ ޓޮޓެންހަމް އާއެކު މަޝްވަރާތައް ފަށާފައެވެ. މި ވާހަކަތަކަށް ފަހު ވަރަށް އަވަހަށް ފައިނަލް ނިންމުމެއް ނިންމާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމުގައި މީހަކު ނެތްތާ ދެމަސް ވީއެވެ. މިއީ ސީޒަން ބްރޭކް ކަމުން ޓީމުން އެންމެ ފުރަތަމަ މަސައްކަތް ފެށީ ކޯޗަކަށެވެ. އަދި ކުޅުންތެރިން ހޯދުމަށްވެސް މަސައްކަތްތަކެއް ކުރާނެކަމަށް މައުލޫމާތުލިބެއެވެ.

ފިއޮރެންޓީނާގެ ކުރިން ގަޓޫސޯ ކޯޗުކަންކުރީ އިޓަލީގެ ނާޕޮލީއަށެވެ.