ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އޮސްޓްރިއާ 2-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ދެވަނަބުރުގެ ޖާގަައެއް ކުޅުނު ދެ މެޗު ކާމިޔާބުކޮށް ނެދަލޭންޑްސް ހޯދައިފިއެވެ.

މި ދެ ޓީމު ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ މޮޅުވެފައެވެ. ނެދްލޭންޑްސް މޮޅުވީ ޔޫކްރެއިން އަތުން 3-2 ގެ ނަތީޖާއަކުންނެވެ. އަދި އޮސްޓްރިއާ މޮޅުވީ ނޯތް މެސެޑޯނިއާ އަތުން 3-1 ގެ ނަތީޖާއަކުންނެވެ. ނެދަލޭންޑްސް ދެވަނަބުރަށް ދިޔައީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ބާކީ އަދި މެޗެއް އޮއްވައެވެ. ދެވަނައިގައި ޔޫކްރެއިން އަދި ތިންވަނައިގައި އޮސްޓްރިއާ އޮތީ ތިން ޕޮޮއިންޓާއެކު އެވެ.

މެޗު ފަށައިގެންވެސް ނުރައްކާކުރީ ނެދަލޭންޑްސް އެވެ. އޮސްޓްރިއާ ކޮޅަށް ޕްރެޝަރުކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު ނެދަލޭންޑްސް އަށް ޕެނަލްޓީއެއް ލިބުނެވެ. މެޗުގެ 9 ވަނަ މިނެޓުގައި މި ޕެނަލްޓީ ދިނީ އޮސްޓްރިއާގެ އޭރިއާ ތެރެއިން ނެދަލޭންޑްސްގެ ޑަމްޕްފްރީސް އަށް ކުރި ފައުލާއި ގުޅިގެން ވީއޭއާރު ބެލުމަށްފަހު އެވެ. މި ޕެނަލްޓީ ކާމިިޔާބުކުރީ މެމްފިސް ޑިޕާއީ އެވެ.

މި ލަނޑަށްފަހު ވެސް ނެދަލޭންޑްސް ދިޔައީ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުންނެވެ. އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޑީޕާއި އަށެވެ. އޮސްޓްރިއާގެ ކެޕްޓަން އަލަބާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ލަނޑެއް ކާމިޔާބުކުރަން މަސައްކަތްކުރި ނަމަވެސް އެ ބޯޅަ ގޯލާއި އަމާޒެއްނުވެއެވެ.

ދެވަނަ ހާފުގައިވެސް ފެނުނީ ހަމަ ފުރަތަމަ ހާފެކޭ އެއްގޮތަށް ނެދަލޭންޑްސް ނުރައްކާކުރި ތަނެވެ. ނެދަލޭންޑްސް އިން ލީޑު ފުޅާކުރީ މެޗުގެ 67 ވަނަ މިނެޓުގައެވެ. މާލެން ދިން ބޯޅައަކުން އޭރިއާ ތެރޭގައި ހުސްކޮށް ހުރި ޑަމްޕްފްރީސް މި ގޯލު ކާމިޔާބުކުރިއިރު އޭނާ ވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި ޔޫކްރެއިން ކޮޅަށް ވެސް އޭނާ ލަނޑު ޖެހިއެވެ. އޮސްޓްރިއާ އަށް މި މެޗުގައި ތަނަވަސްކުރެވުނީ އެއް ފުރުސަތެވެ. ގިނަަވަގުތު އެ ޓީމު އަތުގައި ބޯޅައެއްވެސް ނޯވެއެވެ.

މިއީ ދެވަނަބުރަށް މި މުބާރާތުގައި ދަތުރުކުރި ތިންވަނަ ޓީމެވެ. މިހާތަނަށް ތިންވަނަ ބުރަށް ދަތުރުކުރި ޓީމުތަކަކީ ބެލްޖިއަމް އާއި އިޓަލީއެވެ.