ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ބްރެޒިލް ކުޅުނު ދެވަނަ މެޗުން ޕެރޫ ފަސޭހަމަކާއެކު ބަލިކޮށްފިއެވެ.

ރާއްޖެގަޑިން ފަތިހު 05:00 ގައި ކުޅުނު މި މެޗު ބްރެޒިލް ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބްރެޒިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ.

ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ވެނެޒުއޭލާ އާއެވެ. މި މެޗު ބްރެޒިލް ކާމިޔާބުކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

ޕެރޫއާއި ދެކޮޅަށް ކުޅުނު މި މެޗުގައި ބްރެޒިލް އިން ލީޑު ނަގާފައިވަނީ މެޗުގެ 12 ވަނަ މިނެޓުގައެވެ. ފުރަތަމަ ލަނޑު އެލެކްސް ސަންޑްރޯ ކާމިޔާބުކުރިއިރު، ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބްރެޒިލް އިން ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މިއީ ނޭމާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ބްރެޒިްގެ ތިންވަނަ ލަނޑު ކާމިިޔާބުކުރީ އެވަޓަން ރިބޭރޯ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ ރިޗާލިސަންއެވެ. މި ގްރޫޕުގައި ރޭ ވެނެޒުއޭލާ އާއި ކޮލަމްބިއާ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިހާތަނަަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްގެން ބްރެޒިލް އޮތީ ގްރޫޕް ބީގެ އެއްވަަނައިގައި ހަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތީ ކޮލަމްބިއާ އެވެ. އެއީ ލިބުނު ހަތަރު ޕޮއިންޓާއެކު އެވެ.

މިފަހަރުގެ މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ބްރެޒިލް އާއި ކޮލަމްބިއާ އާއި އެކުއެޑޯ އަދި ވެނެޒުއޭލާގެ އިތުރުން ޕެރޫ އެވެ.

ގްރޫޕް ބީގައި ހިމެނެނީ އާޖެންޓީނާ އާއި ބޮލީވިއާގެ އިތުރުން ޗިލީ އާއި ޕެރަގުއޭ އަދި އުރުގުއޭ އެވެ. މި މުބާރާތް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.