އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ ފައިނަލް ބުރުގެ މެޗުތަކުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރު) ބޭނުންކުރުމަށް އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ނިންމައިފިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކޮލިފައިންގެ ފައިނަލް ބުރުުގެ މެޗުތަކުގައި ވީއޭއާރު ބޭނުންކުރަން ނިންމުމާއެކު މިއީ މި ބައްރުގެ ފުޓުބޯޅައަށް އަންނަ އިންގިލާބީ ބޮޑު ބަދަލެކެވެ.

އޭއެފްސީގެ މުބާރާތެއްގައި އެންމެ ފުރަތަމަ ވީއޭއާރު ބޭނުންކުރީ 2019 ވަނަ އަހަރުގެ އޭޝިއަން ކަޕުގެ ކުއާޓާފައިނަލުން ފެށިގެންނެވެ. އޭގެފަހުން ޖުމްލަ 32 ޓީމާއެކު މިދިޔަ އަހަރު ތައިލޭންޑުގައި ބޭއްވި އޭއެފްސީ 23 އަހަރުންދަށުގެ ޗެމްޕިއަންޝިޕުގައި ވަނީ ވީއޭއާރު ބޭނުންކޮށްފައެވެ.

މީގެއިތުރުން މި ނިމުނު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުން ފެށިގެން ވެސް ވީއޭއާރު ބޭނުންކޮށްފައިވެއެވެ. ކުރިޔަށް އޮތް އޭއެފްސީ ޗެމްޕިއަންސް ލީގުގައިވެސް ބޭނުންކުރަން ނިންމާފައިވެއެވެ. މީގެއިތުރުން މި މަހު ކުޅޭ އޭއެފްސީ ކަޕުގެ ފައިނަލް މެޗުގައިވެސް ބޭނުންކުރަން ނިންމާފައިވެއެވެ.

އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާން ކުޅޭ ފައިނަލް ބުރުގެ މެޗުތަކުގައި ވީއޭއާރު ބޭނުންކުރަން ނިންމާފައިވުމާއި އެކު މީގެސަބަބުން ރެފްރީއަށް ގޮތް ނިންމުމުގައި އިތުރު ފަސޭހަތަކެއް ވެގެންދާނެކަމަށް ގަބޫލުކުރާކަމަށް އޭއެފްސީން ބުނެއެވެ. މިއީ ރާއްޖެ ކުޅޭ މުބާރާތެއްގައި ވީއޭއާރު ބޭނުންކުރާނެ ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް ކޮލިފައިންގެ ފައިނަލް ބުރުން ޖާގައެއް ލިބުނުކަން ހާމަވީ އޭޝިއަން ކަޕްގެ ކޮލިފައިން އަށް އޭއެފްސީން ކަނޑައެޅި އާ ރޭންކިންތަކުގައިވާ ގޮތުންނެވެ. މީގެކުރިން އޮތް ގޮތުން ފިލިޕީންސް އަތުން މޮޅު ނުވެއްޖެ ނަަމަ ރާއްޖެއަށް ކޮލިފައިވުމުގެ ފުރުސަތެއް ނެތެވެ.

ރާއްޖެއާއެކު އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރުން ފުރުސަތު ލިބިގެންދިޔަ ހަތަރުވަނައިގައި ހިމެނުނު ގައުމުތަކަކީ ސިންގަޕޫރާއި ހޮންކޮން އަދި ނޭޕާލާއި އަފްގާނިސްތާނާއި ތައިލޭންޑާއި ސްރީލަންކާ އަދި މޮންގޯލިޔާ އެވެ.

އޭޝިއަން ކަޕުގެ ފައިނަލް ބުރުގައި ހިމެނޭނީ ހަ ގްރޫޕެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ވާދަކުރާއިރު ކޮންމެ ގްރޫޕަކުން ދެ ޓީމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ. މިއާއެކު ޕްލޭއޮފް ކުޅެން ޖެހޭ ގައުމުތަކަކީ ރާއްޖެ ގްރޫޕުގެ ފުލުގައި އޮތް ގުއާމް އާއި ކެމްބޯޑިއާ އަދި ޗައިނީސް ޓައިޕޭ އާއި އިންޑޮނީޝިއާ އެވެ.