ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ސްވިޑަން އަތުން ބަލިވެ ގްރޫޕް އީން ދެވަނަބުރަށް ދިއުމަށް ސްލޮވާކިޔާ އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

މި މެޗުން މޮޅުވެގެން ސްލޮވާކިޔާއަށް ދެވަނަބުރު ކަށަވަރުކުރުމުގެ ފުރުސަތު އޮތެވެ. ނަމަވެސް ބަލިވުމާއެކު އެ ޓީމަށް މި ވަނީ އިތުރު އިންތިޒާރެއް ކުރަންޖެހިފައެވެ.

ގްރޫޕް ސްޓޭޖުގައި ސްލޮވާކިޔާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ޕޮލޭންޑް ބަލިކޮށްފައެވެ. އަދި ސްވިޑަން ވަނީ ވަރުގަދަ ސްޕެއިން މޮޅުވިޔަނުދީ ހިފަހައްޓާފައެވެ. އެއާއެކު މި މެޗާއި ކުރިމަތިލިއިރު ސްލޮވާކިޔާ އޮތީ އެއްވަނައިގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ދެ ޓީމުންވެސް ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތްކުރި ތަނެވެ. މި ހާފުގައި މާގިނަ ހަމަލާތަކެއް ދެ ޓީމުންވެސް އުފައްދާފައެއް ނުވެއެވެ.

މި ހާފުގައި ސްލޮވާކިއާގެ ހަމްސިކް އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އަނެއްކޮޅުން ސްވިޑަން އަށްވެސް ލަނޑުޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް އެ ހުރިހާ ހަމަލާއެއް ގޯލާއި އަމާޒުވާގޮތެއް ނުވިއެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެވެ.

ދެވަނަ ހާފުގައި ގިނަ ހަމަލާތަކެއް ގޯލާއި އަމާޒުކޮށް ފޮނުވާލާފައިވެއެވެ. މި ހާފުގައި ސްވިޑަން އަށް ނަސީބު ލައްވާލީ މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ. މިއީ އޭރިއާ ތެރެއިން ސްވިޑަންގެ ކުއައިސަން އަށް ސްލޮވާކިއާގެ ކީޕަރު ޑުބްރާވްކާ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ސްވިޑަން އަށް ކާމިޔާބުކޮށްދިނީ ފޯސްބާގް އެވެ.

މި ހާފުގައި އެންމެ ނުރައްކާކޮށް ފެނުނީވެސް ސްވިޑަން އެވެ. މި ލަނޑުގެ އިތުރުންވެސް ސްވިޑަން އިން ވަނީ ލީޑު ފުޅާކުރާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު ސްވިޑަން ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އެއީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެ ޖުމްލަ 4 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ސްލޮވާކިޔާ އޮތީ ތިން ޕޮއިންޓާއެކު އެވެ. އަދި ތިންވަނައިގައި ސްޕެއިން ޕޮއިންޓަކާއެކު އޮތްއިރު ފުލުގައި ޕޮލޭންޑް އޮތީ ޕޮއިންޓެއް ނުލިބިއެވެ.

މި ގްރޫޕުގައި މާދަމާ ބައްދަލުކުރާނީ ޕޮލޭންޑާއި ސްޕެއިން އެވެ. އަދި ގްރޫޕުގެ ފަހު މެޗުގައި ސްވިޑަން އާއި ޕޮލޭންޑް ބައްދަލުކުރާނީ މިމަހުުގެ 23 ގައެވެ. ފަހު މެޗުގައި ސްލޮވާކިޔާ އާއި ސްޕެއިން ބައްދަލުުކުރާނީ ވެސް ހަމަ މި ދުވަހުއެވެ.